މިދިޔަ އަހަރު އިސްލާމް ދީނަށްޓަކައި ފިލުމު އިންޑަސްޓްރީއާއި ދުރަށް ދިޔަ ސަނާ ޚާން ބުރުގާ އަޅައިގެން އުޅޭތީ އެކަމަށް ފާޑުކިޔައިފައިވާ މީހަކަށް ސަނާ ރައްދުދީފިއެވެ.

ސަނާގެ ފިރިމީހާ ވިޔަފާރިވެރިއެއް ކަމުގައިވާ އަނަސް ސައެދް ނަގާދީފައިވާ ސަނާގެ ރީތި ފޮޓޯއެއް އޭނާގެ އިންސްޓަގުރާމު އެކައުންޓުގައި ހިއްސާ ކުރުމުން އެތައް ބަޔަކަށް އެ ފޮޓޯ ކަމުގޮސް ސަނާއަށް ތައުރީފު ކުރިއިރު ބައެއް މީހުން ވަނީ އެކަމަށް ފާޑުކިޔައިފައެވެ.

މޮޅަށް ކިޔެވުމަށް ފަހު ވެސް ބުރުގާ އަޅައިގެން އުޅުމުން އޮތީ ކޮންފައިދާއެއް ތޯ ސުވާލު ކުރި މީހަކަށް ސަނާ ދިން ޖަވާބު ވަރަށް ފުރިހަމައެވެ.

''އެހާ ވަރަށް ކިޔެވުމަށް ފަހު ވެސް ފަރުދާއިން ފޮރުވިގެން އުޅުމުން އޮތީ ކޮން ފައިދާއެއް'' އަރްބާކްތާގެ ނަމުގައި އިންސްޓަގުރާމުން ކޮމެންޓް ކޮށްފައިވާ މީހަކު ބުނެފައިވެއެވެ.

''ބޭބޭ. ފަރުދާއިން ފޮރުވިގެން ވެސް އަހަރެންނަށް އަހަރެން ބޭނުންވާ ކަންތައްތައް ވޭ. އަހަރެންނަށް ރަނގަޅު ފިރިއަކާއި ހިތްހެޔޮ އާއިލާއެއް ލިބިއްޖެ. މީގެއިތުރުން ދެން ބޭނުންވާނީ ކޮންކަމެއް؟ އެންމެ މުހިންމު ކަމަކީ މާތް ﷲ އަހަރެން ހުރިހާ ގޮތަކުން ވެސް ރައްކާތެރިކޮށްދޭކަން. އަލްހަމްދުލިއްލާހި. އަދި އަހަރެންގެ ކިޔެވުން ވެސް ނިންމާލައިފިން. އެހެންވީމާ މި ހާލަތުގައި އަހަރެން މިއޮތީ މޮޅުވެފަ'' އަރްބާކްތާގެ ކޮމެންޓަށް ޖަވާބުދާރީވަމުން ސަނާ ލިޔެފައިވެއެވެ.

އިސްލާމް ދީނަށް ޓަކައި ފިލުމު އިންޑަސްޓްރީއާއި ދުރަށް ސަނާ ގޮސް މިދިޔަ އަހަރު ނޮވެމްބަރު މަހު ސަނާ ވަނީ ކައިވެނި ވެސް ކޮށްފައެވެ.

ސަނާ ކުރިން ކުޅެފައިވާ ފިލުމުތަކުގެ ތެރޭގައި ޖެއި ހޯ، ވަޖާ ތުމް ހޯ ފަދަ ފިލުމުތައް ހިމެނެއެވެ.