އިންޑިއާގެ ޖޭއެންޔޫ ސުކޫލް އޮފް އެންވަޔަރަންމަންޓަލް ސްޓަޑީޒްގައި ކޮމްޕިޔުޓަރު އޮޕަރޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ވިނޯދު ކުމާރު ޗައުދަރީއަކީ ޓައިޕް ކުރުމުގެ ހުނަރަށް ދުނިޔޭގެ ނުވަ ރިކޯޑެއް ހޯދާފައިވާ މީހެކެވެ.

އުމުރުން 41 އަހަރުގެ ވިނޯދުގެ އެންމެ ފަހުގެ ރިކޯޑު ގާއިމް ކޮށްފައިވަނީ 2020 ވަނަ އަހަރުއެވެ. 2014 ވަނަ އަހަރު އެންމެ އަވަހަށް ނޭފަތުން ޓައިޕު ކުރުމުގެ ދުނިޔޭގެ ރެކޯޑުން ފެށިގެން ލޯ މަރައިގެން އެންމެ އަވަހަށް ޓައިޕު ކުރުމާއި އަނގައަށް ދަނޑިކޮޅެއް ލައިގެން އެ ދަނޑިކޮޅުން އެންމެ އަވަހަށް ޓައިޕް ކުރުން ފަދަ އެތައް ރިކޯޑެއް ހާސިލު ކޮށްފައިވެއެވެ.

އަބަދުވެސް ކަންތައްތައް އަވަހަށް ކުރަން ބޭނުންވާ ވިނޯދު ކުޑައިރު އެންމެ ކުޅޭ ހިތްވަނީ ކުޅިވަރެވެ. ނަމަވެސް ސިއްހީ މައްސަލަތަކެއް ހުރުމުން އެކަމާ ދުރަށް ދާން ޖެހުނެވެ. އެހެންކަމުން ސްޕީޑް ދައްކުވައިދިނުމަށް އޭނާ ދެން ކޮމްޕިއުޓަރުގެ މަސައްކަތްތައް ފެށިއެވެ. އަދި 46.30 ސިކުންތުގެ ތެރޭގައި 103 ލަފުޒު ޓައިޕްކޮށް ދުނިޔޭގެ ރިކޯޑު ހޯދިއެވެ.

މި ރިކޯޑާއެކު އިތުރު ރިކޯޑު ގާއިމު ކުރުމަށް ހިތްވަރު ލިބުނު ވިނޯދުގެ މަސައްކަތުން 2016 ވަނަ އަހަރު ޓައިޕުކުރުމުގެ އިތުރު ދެ ރިކޯޑެއް ހަދާފައިވެއެވެ.

ދުނިޔޭގެ ރިކޯޑު ފޮތުގައި 19 ރެކޯޑު ގާއިމު ކުރުމަށް ވިނޯދު ބޭނުންވެއެވެ. އެއީ އިންޑިއާގެ މަޝްހޫރު ކުރިކެޓް ކުޅުންތެރިޔާ ސަޗިން ޓެލްޑުރުކަރާއި އެއްވަރަށް ރިކޯޑު ގާއިމު ކުރުމަށް ކަމަށް ވިނޯދު ބުނެފައިވެއެވެ.

ވިނޯދުގެ އެންމެ ފަހު ރިކޯޑަކީ މިނެޓެއްގެ ތެރޭގައި ޓެނިސް ބޯޅައަކުން 205 ލަފުޒު ޓައިފު ކުރުމެވެ. 180 ލަފުޒު މިނިޓެއްގެ ތެރޭގައި ޓެނިސް ބޯޅައިން ޓައިޕު ކުރުމަށް ގިނަސްއިން ބުނެފައިވީ ނަމަވެސް އޭނާ ވަނީ 205 ލަފުޒު ލިޔެ ރެކޯޑު ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު