އޮންލައިންކޮށް ގަންނަ އެއްޗެހީގައި އޮޅުންތައް އަރައިގެން އޯޑަރު ކުރާ އެތި ނޫން އެހެން އެއްޗެއް ގެއާ ހަމައަށް އަންނަ ވާހަކަތަކަކީ ވަރަށް ގިނައިން އަޑު އިވޭ ވާހަކަތަކެވެ.

އިންޑިއާގެ ދިއްލީގެ މީހަކަށް ވެސް ކުރިމަތިވީ ވެސް މިފަދަ ހާދިސާއެކެވެ. އެމަޒޯން.ކޮމް އިން ރިމޯޓް ކޮންޓްރޯލް ކާރަކަށް އޯޑަރު ކުރުމުން ލިބުނީ ޕާލް ޖީ ބުރޭންޑުގެ ބިސްކޯދެކެވެ.

ދިއްލީގެ ބާގްވާން ނަގަރުގެ އާޝްރަމްގައި މިކަން ހިނގާފައިވަނީ މިދިޔަ ހޯމަ ދުވަހު ކަމަށް ރިޕޯޓް ތަކުގައިވެއެވެ.

ވިކްރަމް ބްރަގޮއިން ނަމަކަށް ކިޔާ މި މީހާއަށް އެމަޒޯންއިން ލިބުނު ޕާރުސަލާއި އޭގައިވާ ބިސްކޯދުގެ ފޮޓޯއެއް ވަނީ ފޭސްބުކްގައި ހިއްސާ ކޮށްފައެވެ.

މި ފޮޓޯ ހިއްސާކޮށް ވިކްރަމް ބުނެފައިވަނީ އިންޑިއާގެ އެމަޒޯންއިން ރިމޯޓް ކޮންޓްރޯލް ކާރަކަށް އޯޑަރު ކުރުމުން ބިސްކޯދެއް ލިބުނު ކަމަށާއި ދެން ޖެހޭނީ ސައި ތައްޓެއް ހަދައިގެން އެއާއެކު ބިސްކޯދު ކާން ކަމަށް ވެސް ބުނެފައިވެއެވެ.

ވިކްރަމް ބުނެފައިވާ ގޮތުގައި އޭނާއަށް ޕާރްސަލް ލިބުމުން ޕާރްސަލް ކުޑަކަމުން އެ ކަނޑައިގެން ބެލިއިރު އޭގައި އޮތީ ޕާލް ޖީ ބިސްކޯދެކެވެ.

އެމަޒޯންގައި މި މައްސަލަ ޖެއްސުމުން އޭނާގެ ފައިސާ އަނބުރާ ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެމަޒޯންގެ ފަރާތުން މިކަމަށްޓަކައި މައާފަށް އެދިފައިވާ ކަމަށް ވެސް ވިކްރަމް ބުނެފައިވެއެވެ.

ވިކްރަމްގެ މި ޕޯސްޓް މީސް މީޑިއާގައި އާއްމުވެ އެތައް ބަޔަކު ދަނީ ކޮމެންޓް ކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު