ބައިސްކޯފަކީ އެއް ތަނަކުން އެންމެ ތަފާތު އަދި އެހާމެ ޝައުގުވެރި ހުށަހެޅުންތަކާއި ޓޯކްޝޯތައް ގެނެސްދޭ އެއް ޕްލެޓްފޯމޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އޭގެ ތެރޭގައ ސަކަރާތާއި މަޖަލުގެ ތެރެއިން ގެނެސްދޭ ކަންކަމާއި، ވަރަށް ސީރިއަސް އަދި ދައްކަން އުނދަގޫ ވާހަކަތައް ހިމެނޭ ޝޯތައް ވެސް އެބަހުއްޓެވެ.

މިގޮތަށް ސްކްރީނުން ދުރުން ފިލްމީ ތަރިންނާއި ތަރިންގެ ދިރިއުޅުމުގައި ހިއްސާވާ މުހިންމު ފަރާތްތަކާއެކު ފެންނަ އެއް ޝޯއަކީ ބައިސްކޯފުން ގެނެސްދޭ ޑްރާފްޓްސްއެވެ. ޑްރާފްޓްސް އަކީ ތަރިންގެ އަސްލު ދިރިއުޅުމާ ގުޅުން ހުރި ހުތް ފޮނި އެތައް ވާހަކަތަކެއް އާއްމުންނާ ހަމައަށް އެ ތަރިންގެ ދުލުން ގެނެސްދޭ ޝޯއެކެވެ.

މިގޮތުން ފިލްމީ ތަރި މަނިކު އާއި އޭނާގެ އަންހެން ދަރިފުޅު މާހީ އާއި އެކު ގެނެސްދިން ޑްރާފްޓް ޝޯގެ އުސްއަލިތަކުން ފެންނަނީ ޝައުގުވެރި ވާހަކަތަކެކެވެ. މާހީގެ ވާހަކައިން ބައެއް ފަހަރު މަނިކުގެ ދަރިފުޅަށް ވީތީ މާ ފޮނިވާ ކަމަށް ބުނެ ބައެއް ކުދިން އޭނާއާ ވާހަކަ ނުދައްކާ ކަމާއި އެކަމާއި މެދު ނުތަނަވަސްވާ ފަހަރުވެސް އަންނަކަން އެނގެއެވެ.

"ސަމްޓައިމްސް އިޓް ގެޓްސް ރިއަލީ އެނޯއިން. އެއީ ބައެއް ކުދިން ބުނާނެ ވަރަށް ފޮންޏޭ ބައްޕި ފޭމަސްވީމަ. ދެން އެހެންކިޔާފައި ވާހަކައެއް ނުދާނެ." މާހީ ބުންޏެވެ.

މަނިކު އާއި މާހީގެ ވާހަކަ ކުރިއަށް ދާވަރަކަށް އެ ދެ މީހުންގެ އޮތް ގާތް ގުޅުން ވެސް ހާމަވެއެވެ. މާހީ ބުނާ ގޮތުން އޭނާ އަށް ކަންކަމުގައި ބައްޕަ ޚިޔާރު ކުރާ ގޮތް މާ ކަމުދެއެވެ. އަދި ކޮއްކޮ އާއި ދެ މީހުން މައްސަލަ އެއް ޖެހުނަސް ބައްޕަ މާހީ އާއި އެއްކޮޅަށް ވާހަކަދައްކާތީ އުފާވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

" ބައްޕިގެ ޓޭސްޓް މާރަނގަޅު މަންމިގެ ޓޭސްޓް އަށް ވުރެ. ސަމްޓައިމްސް ޔޫކޭންބީ ނައިސް. ދެން ބައެއް ފަހަރު ބައްޕި ރުޅި އާދޭތާ." މާހީ ބުންޏެވެ.

މާހީ އެކޭ އެއްފަދައިން މަނިކު ވެސް އޭނާ މާހީ އާއި މެދު ކުރާ އުންމީދުތަކުގެ ވާހަކަ ކޮންމެވެސް ވަރަކަށް މި ޝޯގައި ދައްކައެވެ. އެގޮތުން މާހީ މޮޅު ކުއްޖަކަށް ވުމާއި މެދު އޭނާ ކުރާ އުންމީދުގެ ވާހަކަ މަނިކު ވަނީ ފާހަގަކޮށްފައެވެ.

" ބުނާނެ ކޮންމެ ފަހަރަކުވެސް ތިމަންނަ ކިޔަވަނީ އޭ. ވަރަށް އުފާވާނެ އޯލެވެލްގައި ވެސް ޓޮޕް 10ގައި ހިމެނިއްޖެއްޔާ. މަންމަ އާއި ވައްތަރު ކުއްޖަކު ހުރީމަ ވެސް ވަރަށް އުފާވޭ." މާހީ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު