ލޯތްބަކީ ވަރަށް ތަފާތު އެއްޗެކެވެ. އެކި މީހުން ލޯބި ސިފަކުރަނީ އެކި ގޮތަށެވެ. ރީތިކަމާއި މުއްސަނދިކަމަށް ލޯބިވާ މީހުންނާއި އޯގާތެރިކަމާއި އަހުލާގު ހުރި ގޮތުން ލޯބިވާ މީހުންވެސް އުޅެއެވެ. ސިފަ އަށްވުރެ މީހާގެ އުޅުމާއި ކަމޭހިތާ ވަރަށް ބަލައި ލޯބިވާ މީހުންވެސް އުޅެއެވެ. ކޮންމެ ސިފައެއްގައި ހުއްޓަސް މިފަދަ މީހުން ބައިވެރިޔާ ދެކެ އިންތިހާއަށް ލޯބި ވާނެއެވެ. މިފަދަ ލޯބީގެ އެއް މިސާލަކީ އެމެރިކާގެ މި ދެމެފިރިންނެވެ.

އުމުރުން 33 އަހަރުގެ ޖޭމްސް އާއި 27 އަހަރުގެ ކްލޯއީ ކައިވެނިކޮށްގެން އުޅޭތާ ފަސް އަހަރު ވެއްޖެއެވެ. ޖޭމްސްއަކީ އެކްޓަރެއްގެ އިތުރުން ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ. ކްލޯއީ މަސައްކަތް ކުރަނީ ޓީޗަރެއްގެ ގޮތުގައެވެ. ދެ މީހުންގެ އިސްކޮޅުގައި ދެ ފޫޓުގެ ތަފާތު ހުރި ކަމުގައި ވިޔަސް މިއީ ލޯބިނުވާން ވީ ސަބަބެއް ނޫންކަމަށް މި ދެ މީހުން ދައްކައިދެއެވެ.

މި އަހަރުގައި ޖޭމްސް އާއި ކްލޯއީ މިވަނީ އިސްކޮޅުގެ ތަފާތާއި އެކު ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފައެވެ. އެއީ އިސްކޮޅުގައި އެންމެ ބޮޑު ތަފާތު ހުރި ކައިވެނިކޮށްގެން ތިބި ދެ މީހުންގެ ރެކޯޑެވެ.

ޖޭމްސްގެ އިސްކޮޅުގައި ހުންނަނީ 109.3 ސެންޓިމީޓަރ(3 ފޫޓު 7 އިންޗި) އެވެ. ކްލޯއީގެ އިސްކޮޅުގައި ހުންނަނީ 166.1 ސެންޓިމީޓަރ(5 ފޫޓު 5.4 އިންޗި) އެވެ. މި ދެމެފިރިންގެ އިސްކޮޅުގައި ގާތްގަނޑަކަށް ދެ ފޫޓު(1 ފޫޓު 10 އިންޗި) ތަފާތު ހުރެއެވެ.

ޖޭމްސް އާއި ކްލޯއީ ރައްޓެހިވީ 2012 ވަނަ އަހަރުގެ އޮލިމްޕިކްސްގެ ތެރެއިން ބައެއް ރައްޓެހިން މެދުވެރިކޮށެވެ. އެހިސާބުން ދެމީހުން އެކުވެރިވެ އެ ގުޅުން ލޯތްބަށް ބަދަލުވިއެވެ. މިއީ ޖޭމްސް އަދި ކްލޯއީ ވެސް ކުރިން ހިތަށްވެސް ނާރާ ކަންކަމެވެ. އެއީ ޖޭމްސް ކުރިން ހީކުރީ އޭނާގެ އިސްކޮޅުގެ ސަބަބުން ލޯބިން މަހުރޫމުވާނެ ކަމަށެވެ. އަދި ކްލޯއީ ކުރިން ބޭނުންވީ އިސްކޮޅުން ދިގު މީހަކާ ކައިވެނި ކުރާށެވެ. ނަމަވެސް ދެ މީހުން އެކަކު އަނެކަކާއި ބައްދަލުވެ މި ހުރިހާ ހިޔާލެއް ބަދަލުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފައްޔާޒު

    އަމާ ބަނޑުން ނިކުތީ ސުރެން ތިޔަ ލޯބެއް ލިބޭނެ ދުވަހެއްގެ އިންތިޖާރުގަ ހުރީމެވެ، މިހާރުން އުމުރުން 30 ކަޑަތު ކޮއްފިއެވެ.