މަޝްހޫރު ޑޭޓިންގް އެޕްލިކޭޝަން 'ބަމްބްލް' ކުންފުނީގެ މުވައްޒަފުން މުސާރަ ހިނގާ ގޮތަށް ހަފްތާއެއްގެ ޗުއްޓީއަކަށް ފޮނުވައިފިއެވެ. ބަމްބްލް ކުންފުނީގެ އޮފިސްތައް ހަފްތާއަކަށް ބަންދުކޮށް، 700 އެއްހައި މުވައްޒަފުން ޗުއްޓީއަކަށް ފޮނުވާފައިވަނީ ކޮވިޑާއި ގުޅިގެން ސިކުނޑިއަށް ލިބިފައިވާ ނުތަނަވަސްކަން ފިލުވާލުމަށް މަޖާ ކޮށްލުމަށެވެ.

ކޮރޯނާވައިރަހުން ދިފާއުވުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ގިނަ ގައުމުތަކެއްގައި ލުއިދޭން ފެށުމާއި އެކު، ކުންފުނިތަކުން މުވައްޒަފުންގެ މަސައްކަތްތަކުގެ ފެންވަރު މިހާރަށް ވުރެ ރަނގަޅު ކުރުމަށް އެކި ގޮތްގޮތުން ދަނީ ހިތްވަރު ދެމުންނެވެ. ބްލޫމްބާގްއިން ރިޕޯޓު ކޮށްފައިވާގޮތުން ބަމްބްލްގެ މުވައްޒަފުން ޗުއްޓީ ހޭދަ ކޮށްލުމަށް ފޮނުވާފައިވަނީ އެ ކުންފުނީގައި މަސައްކަތް ކުރުމަށް އިތުރަށް ޝައުގުވެރި ކުރުވައި، އިތުރަށް ކުންފުންޏަށް ލޯބި ޖެއްސުމުގެ ގޮތުންނެވެ.

ކޮވިޑާއި ގުޅިގެން ގިނަ ބަޔަކު ބޯހާސްކަމެއްގެ ތެރޭގައި ތިބި އިރު، އެއީ މަސައްކަތުގެ މާހައުލުގައި އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. މީހާ ވަރުބަލިވެ، މަސައްކަތް ކުރުމަށް ހުންނަ ޝައުގުވެރިކަން ގެއްލިގެން ދިޔުމަކީ އެކަށީގެންވާ ކަމެކެވެ.

ބަމްބްލްއިން މައުލޫމާތު ދީފައިވާ ގޮތުން މުވައްޒަފުންނަށް މި ދެވުނު ޗުއްޓީ ހަފްތާގައި މަސައްކަތް ކުރަމުން ގެންދާނީ ވަރަށް މަދު މުވައްޒަފެކެވެ. އަދި އެ ހަފްތާގައި މަސައްކަތް ކުރަމުންގެންދާ މުވައްޒަފުންނަށް ފަހުގެ ވަގުތެއްގައި މުސާރަ ހިނގާ ގޮތަށް ޗުއްޓީއެެއް ދޭނެ ކަމަށް ބަމްބްލްއިން ބުނެފައިވެއެވެ.

ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންވެސް އިތުރުވެފައިވާ މި ދަނޑިވަޅުގައި ބަމްބްލްއިން ބޭނުންވީ އެ ކުންފުނީގެ މުވައްޒަފުން އެމީހުންގެ އަމިއްލަ ކަންކަމަށް ވިސްނާލާ، އަމިއްލައަށް ހަމަޖެހިލައިގެން ވަގުތު ހޭދަކޮށްލުމަށް ފުރުސަތު ދޭން ކަމަށް އެ ކުންފުނިން ބުނެއެވެ.

އަދި ވޭތުވެދިޔަ ކޮވިޑް އާލަމީވަބާގެ ދުވަސްތަކަކީ ގޮންޖެހުން ތަކަކާއި ކުރިމަތިލާން ޖެހިފައިވާ ދުވަސްތަކެއް ކަމުން ނިންމި ނިންމުމެއް ކަމަށް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު