ބޮލީވުޑުގެ ފިލުމު ސީކުއަލްތަކުގެ ތެރެއިން ''ރޭސް'' ގެ ފިލްމުތަކަކީ ގިނަ ބަޔަކަށް އެންމެ ކަމުދާ އެއް ފިލުމުތަކެވެ. މި ފިލުމު ސީކުއަލްގެ ތިން ބައެއް މިހާރު ވަނީ ބެލުންތެރިންނާ ހަމައަށް އައިސްފައެވެ.

ރެމޯ ޑި ސޫޒާ ޑައިރެކްޓްކޮށް ސަލްމާން ޚާނާއި، ބޮބީ ޑިއޯލްއާއި، ޖެކުއެލިން ފެނާންޑަޒްއާއި ޑެއިޒީ ޝާހު ފެނިގެން ދިޔަ ރޭސް ތިނަކަށް ފަހު ރޭސް ހަތަރެއްގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

ރޭސް 1، 2 އަދި 3 ގެ ސްކްރިޕްޓް ލިޔުނު ޝިރާޒް އަހުމަދު މިހާރު ދަނީ ރޭސް 4 ގެ ސްކްރިޕްޓްގެ މަސައްކަތް ކުރަމުންނެވެ. މި ފިލުމު ޑައިރެކްޓް ކުރާނެ ފަރާތެއް ވަރަށް އަވަހަށް ކަނޑައަޅާނެ ކަމަށް ވެސް ފިލުމުގެ ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ ބުނެފައިވެއެވެ.

މި އަހަރުގެ ފަހުކޮޅު ރިލީޒް ކުރުމަށް ކަނޑައެޅިފައިވާ މި ފިލުމު މި ތާރީޚުގައި އެޅުވޭނީ ކޮރޯނާ ވައިރަސްގެ ސަބަބުން އެއްވެސް ހުއްޓުމެއް ނާންނަކަމުގައި ވާ ނަމައެވެ.

ރޭސް 4 ން ފެނިގެންދާނީ ރޭސް 1 އަދި 2 ން ފެނިގެން ދިޔަ ސައިފް ޢަލީ ޚާން ނުވަތަ ރޭސް 3 އިން ފެނިގެން ދިޔަ ސަލްމާން ޚާން ކަމެއް ނިންމާނީ ސްކްރިޕްޓް ލިޔެ ނިމުމުން ކަމަށް ވެސް ފިލުމުގެ ޕްރޮޑަކްޝަން ޓީމުން އިންއާގެ ނޫހަކަށް މަޢުލޫމާތުދިން ފަރާތަކުން ބުނެފައިވެއެވެ.

ރޭސް 1 ގައި މަސައްކަތް ކޮށްފައިވަނީ ސައިފް ޢަލީ ޚާނާއި އަކްޝޭ ކަންނާއާއި އަނިލް ކަޕޫރާއި ކެތުރީނާ ކެއިފް އަދި ބިޕާޝާ ބާސޫއެވެ. ރޭސް 2 ގައި ސައިފް ޢަލީ ޚާނާއި އެކު ފެނިފައިވަނީ އަނިލް ކަޕޫރާއި، ޖޯން އަބްރަހަމްއާއި ދީޕިކާ ޕާޑުކޯންއާއި ޖެކުއެލިން ފެނާންޑަޒްއާއި އަމީޝާ ޕަޓޭލްއެވެ.