ބޮލީވުޑު ފިލުމު އިންޑަސްޓްރީގައި އަރަމުން އަންނަ ތަރި ޔައްމި ގޯތަމްގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުތަކެއް ކުރެވި ފުލުހަށް ހާޒިރުވުމަށް އަންގައިފިއެވެ.

ފިލުމު އުފައްދާ މީހެއް ކަމުގައިވާ އާދިތުޔާ ދާރްއާއި ދާދި ފަހުން ކައިވެނި ކޮށްފައިވާ ޔައްމި މަނީ ލޯންޑަރިންގެ މައްސަލައެއްގައި ޖުލައި މަހުގެ 7 ވަނަ ދުވަހުގެ ކުރިން ފުލުހަށް ހާޒިރުވެ ބަޔާން ދިނުމަށް އަންގާފައިވާ ކަމަށް ރިޕޯޓްތަކުގައިވެއެވެ.

އުމުރުން 32 އަހަރުގެ ބަތަލާ ޔައްމި ގޯތަމް ހާޒިރު ކުރަނީ އޭނާގެ އެކައުންޓަށް ބޭރުގެ ގައުމަކުން 200،655 ޑޮލަރު އައިސްފައިވާތީ އެ މައްސަލައިގެ ބަޔާން ނެގުމަށެވެ.

މަނީ ލޯންޑަރިންގެ މައްސަލައެއް ޔައްމި ގޯތަމްއަށް އައި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް މި މައްސަލައިގައި ޔައްމި ވަނީ ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ.

މިފަދަ މައްސަލައަކާއި ގުޅިގެން މިދިޔަ އަހަރު ފުލުހަށް ހާޒިރުވުމަށް ޔައްމިއަށް އަންގައިފައިވީ ނަމަވެސް ކޮރޯނާ ވައިރަސްގެ ސަބަބުން އިންޑިއާ ފުރަބަންދު ކުރުމާއި ގުޅިގެން ޔައްމިއަށް ފުލުހަށް ހާޒިރު ނުވެވުނު ކަމަށް ވެސް ރިޕޯޓް ތަކުގައިވެއެވެ.

މަނީ ލޯންޑަރިންގެ މައްސަލައެއްގައި އަނެއްކާ ވެސް ފުލުހަށް ހާޒިރުވުމަށް ޔައްމިއަށް އެންގުމުން މިފަހަރު ވެސް އޭނާ ފުލުހަށް ހާޒިރުވާނެ ކަމާއި މެދު ގިނަ ފަރާތްތަކަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

ޔައްމި ގޯތަމްއަކީ މިހާރު ކުރިއަރަމުން އަންނަ ފަންނާނެކެވެ. ޔައްމި ކުޅެފައިވާ ބައެއް ފިލުމު ތަކަކީ ''ގިންނީ ވެޑްސް ސަނީ''، ''ސަނަމް ރޭ''، ''ކާބިލް'' އަދި ''އުރި: ދި ސާޖަރިކަލް ސްޓްރައިކް'' ފަދަ ފިލުމުތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު