ދެކުނު އެފްރިކާގެ ގައުމެއް ކަމަށްވާ ބޮސްވާނާ އިން 1،174 ކެރެޓުގެ ޖަވާހިރެއް ހޯދައިފިއެވެ.

ބޮސްވާނާ އިން މިފަހަރު ޖަވާހިރު ހޯދާފައި ވަނީ ކެނެޑާގެ ޖަވާހިރު މައިނިންގ ކުރާ ކުންފުންޏަކުންނެވެ. މި ޖަވާހިރު ބޮސްވާނާގެ ވެރިރަށް ގެބެރޯނީ އަށް ވަނީ ގެންގޮސްފައެވެ.

ބޮސްނާވާ އިން ފާއިތުވި މަހުވެސް އަގުބޮޑު ޖަވާހިރެއް ވަނީ ހޯދައިފައެވެ. އެ ޖަވާހިރުުގެ ބަރުދަނުގައި 1،098 ކެރެޓު ހުރި އިރު ޖަވާހިރު ފެނިފައި ވަނީ ބޮސްވާނާގެ ސަރުކާރު ހިއްސާވާ ޖަވާހިރާއި ގުޅުން ހުރި މަސައްކަތް ކުރާ ޑެބްސްވާނާ ޑައިމަންޑް ކޮމްޕެނީއަށް ޖްވަނެންގް ކިޔާ މައިނަކުންނެވެ.

އެފްރިކާގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން ޖަވާހިރު ފެންނަ ގައުމަށް ބޮސްވާނާ ހިމެނޭއިރު މިހާތަނަށް ދުނިޔެއިން ފެނުނު އެންމެ ބޮޑު ޖަވާހިރުވެސް ފެނިފައި ވަނީ އެފްރިކާގެ ގައުމަކުންނެވެ.

1905 ވަނަ އަހަރު ދެކުނު އެފްރިކާގެ ގައުމަކުން ފެނުނު އެ ޖަވާހިރުގެ ބަރުދަނުގައި 3،106 ކެރެޓު ހުއްޓެވެ. އެ ޖަވާހިރު ވަނީ އިނގިރޭސިވިލާތުގެ ދައުލަތުގެ ގަހަނާގެ ތެރޭގައި ހިމަނާފައެވެ.

ދުނިޔެއިން މިހާތަނަށް ހޯދާފައިވާ އެންމެ ބޮޑު ދިހަ ޖަވާހިރުގެ ތެރެއިން ހަ ޖަވާހިރު ހޯދާފައި ވަނީ ބޮސްވާނާ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު