އިންޓަނެޓާއި މީސް މީޑިއާގެ އެކު ޕްލެޓްފޯމްތަކުގެ ސަބަބުން ސިއްރުން ލޯބިވެރިން ހޯދުމާއި، ސިއްރުން ގުޅުންތައް ފައްކާކޮށް، ބޭނުން ހުރިހާ "ލޯތްބެއް" ހޯދުން އެއީ ވަރަށް ފަސޭހަ ކަމަކަށް އޮންނަނީ ވެފައެވެ. ނަމަވެސް މީސް މީޑިއާ ޕްލެޓްފޯމްތަކުގެ ސަބަބުން ސިއްރުން ގުޅުންތައް ބޭޒާރުވުން ވެސް އޮންނަނީ ނިކަން ފަސޭހަ ކަމަކަށް ވެފައެވެ.

އިނގިރޭސިވިލާތުގެ އަންހެނެއް ކަމަށްވާ ގެބްރިއެލާ އަކީ މިކަން އެންމެ ރަނގަޅަށް ތަޖުރިބާ ކޮށްފައިވާ އެކަކަށް ވާނެއެވެ. ކައިވެނި ކުރަން ތައްޔާރުވެ އެންގޭޖްވެ، ކައިވެނި ކުރާނެ ދުވަސް ކަނޑައަޅައި ހުރިހާ ކަމެއް އެންމެ ފަހު މަރުހަލާއަށް ދިޔައިރު ގެބްރިއެލާ ޝައްކު ނުކުރާ އެއްކަމެއް އޮތެވެ. އެއީ އޭނާގެ ވާން އުޅޭ ފިރިމީހާ އަކީ މަކަރުވެރި ފިރިހެނެއް ކަމެވެ. ބޭވަފާތެރިއެއް ކަމެވެ.

ނަމަވެސް ކަންތައްތައް ބަދަލުވަމުން ދިޔަ ގޮތުންނާއި އޭނާގެ އުޅުމަށް އަންނަމުން ދިޔަ ބަދަލުތަކުގެ ސަބަބުން އިތުރު ވިސްނުމެއް ވިސްނަން ގެބްރިއެލާ އަށް މަޖުބޫރު ވިއެވެ. ވާން އުޅޭ ފިރިމީހާ އާއި މެދު ފިކުރު ބޮޑުވެފައި ހުއްޓާ އެއްދުވަހަކު ގެބްރިއެލާ އޭނާގެ އަމިއްލަ އިންސްޓަގްރާމް އެކައުންޓްގެ ބްލޮކް ލިސްޓް ބަލާލިއެވެ. އެލިސްޓުން ފާހަގަ ކުރެވުނީ އޭނާ ނުވެސް ދަންނަ ޒުވާން އަންހެނަކު ބްލޮކް ކުރެވިފައިވާ ކަމެވެ.

އެއްވެސް ޝައްކެއް ނެތި ގެބްރިއެލާ އަށް ޔަގީންވި ކަމަކީ އެއަންހެން މީހާ ބްލޮކް ކޮށްފައި އެވަނީ އޭނާގެ ލޯބިވެރިޔާ ކަމެވެ. އިތުރު ސުވާލެއް ނުކޮށް ގެބްރިއެލާ އެއަންހެން މީހާ އަންބްލޮކް ކޮށްލިއެވެ. ކަމަކުދާކަށް ނެތެވެ. މިއޮތީ ބޭވަފާތެރިކަމުގެ ވެސް އިންތިހާއެވެ.

އެމެރިކާގެ އެއަންހެން މީހާ އިނގިރޭސިވިލާތައް ދަތުރުކޮށް ގެބްރިއެލާގެ ލޯބިވެރިޔާ އާއިއެކު ވެސް ހަފްތާތަކަކު ދިރިއުޅެފިއެވެ. އެކަން އޭނާގެ އިންސްޓަގްރާމްގައި ހުރި ފޮޓޯތަކުންނާއި ސްޓޯރީތަކުން ފެންނަން ހުއްޓެވެ. ފޮޓޯތައް ފެނުމުން ގެބްރިއެލާ މައްސަލައިގެ ތަހްގީގު ވަގުތުން ފެއްޓިއެވެ.

ގެބްރިއެލާގެ ލޯބިވެރިޔާ އޮތީ "ހުންއަންނާނެ ކަމަށް ޖަގާލައިގެން" މާކުރިން ފިޔަވަޅުތައް އަޅާފައެވެ. ގެބްރިއެލާ އަށް ސިއްރު ލޯބިވެރިޔާ އިންސްޓަގްރާމުން ފެނިދާނެ ކަމަށް ބަލައި މާކުރިން ގެބްރިއެލާގެ އެކައުންޓުން ވަދެ އެއަންހެން މީހާ ބްލޮކް ކޮށްލީއެވެ. އެއީ އެކްސްޕްލޯރާ އިން ވެސް އެއަންހެން މީހާ ފެނުމުގެ ފުރުސަތު ނުދިނުމަށްޓަކައެވެ. ނަމަވެސް ކަންތައްވީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ.

ގެބްރިއެލާ މިހާރު ވަނީ އެންގޭޖްމެންޓް ރޫޅާލާ، ބޭވަފާތެރިޔާގެ މަތިން ހަނދާން ނައްތާލުމުގެ މަސައްކަތް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު