ބަންގަލަދޭޝްގެ ޖަނަވާރު ބަލަހައްޓާ ތަނަކުން ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ދުނިޔޭގެ އެންމެ ކުޑަ ގެރިއަށް ކިޔާ ނަމަކީ "ރާނީ" ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ރާނީ ދެކިލުމަށް އެތައް ބަޔަކު ދަނީ ދިގު ދަތުރުތަކެއް ކުރަމުންނެވެ.

ދިގުމިނުގައި 21 އިންޗި، ފުޅާ މިނުގައި 26 އިންޗި އަދި ބަރުދަނުގައި 25 ކިލޯ ހުރި މި ގެރި ދެކިލުމަށް ކޮވިޑާއި ގުޅިގެން އަޅާފައިވާ އާއްމު އުސޫލުތައް ވެސް އެއްފަރާތް ކޮށްލާ އެތައް ބަޔަކު ދަނީ ގެރި އޮތް ތަނަށް ޒިޔާރަތް ކުރަމުންނެވެ.

ތޭވީސް މަހުގެ މި ގެރި ބަލައިލުމަށް އެކި ޓީވީތަކުގެ މީހުންގެ އިތުރަށް ގިނަ ނޫސް މަޖައްލާތަކުގެ މީހުން ވެސް ދަނީ މި ގެރި އޮތް ތަނަށް ދަތުރު ކުރަމުންނެވެ.

ކޮރޯނާ ވައިރަސްގެ ހާލަތު ގޯސްވެ ބަންގުލަދޭޝްގައި ދަތުރު ފަތުރު ކުރުން މަނާ ކޮށްފައިވީ ނަމަވެސް ޓެކްސީތަކުގައި މެދުކެނޑުމެއް ނެތި ރާނީ ބަލައިލުމަށް ދާ މީހުންގެ އަދަދު ގިނައެވެ.

ބަންގުލަދޭޝްގެ ޑާކާގެ ޗަރިގުރަމްގެ ފާމެއްގައި އޮތް މި ގެރި ބަލައިލަން ދިޔަ އުމުރުން 30 އަހަރުގެ ރިނާ ބޭގަމް ބުނެފައިވަނީ މިފަދަ އެއްޗެއް އަދި ދުވަހަކު ވެސް ފެނިފައި ނުވާ ކަމަށެވެ.

ރާނީގެ ވެރި ފަރާތުން ބުނެފައިވަނީ މިހާތަނަށް އެންމެ ކުޑަ ގެރީގެ ގެރިއަށް ވުރެ ރާނީ 10 ސެންޓިމީޓަރު ކުޑަ ކަމަށެވެ.

ކުރު ބަލި ޖެހިފައިވާ މި ގެރި ބަލައިލުމަށް ތިން ދުވަސް ތެރޭގައި ވެސް 15،000 އަށްވުރެ ގިނަ މީހުން ޒިޔާރަތް ކުރި ކަމަށް ގެރީގެ ވެރި ފަރާތުން ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު