ސެލޫން އަށް ގޮސް ޚިދުމަތް ހޯދާ އިރު ވަރަށް ގިނަ ވަގުތު ހޭދަވެއެވެ. ޚާއްސަކޮށް މޭކަޕް ކުރަން ނޫނީ އިސްތަށިގަނޑަށް ފަރުވާ ހޯދަން ނޫނީ ފޭޝަލް ހެދުން ކަހަލަ ކަންކަމަށް ވަރަށް ވަގުތު ހުސް ކުރަން ޖެހެއެވެ. މި ސަބަބާ ހުރެ ސެލޫންގައި ޚިދުމަތް ދެނީ ވަރަށް ގިނަ ވަގުތު އެކަމަށް ހުސްކޮށްގެންނެވެ. އެގޮތަށް ވަގުތު ހުސްކޮށްގެން ދާއިރު ޚިދުމަތް ދޭ މީހުންވެސް ތިބެނީ ވަރަށް އަވަދިނެތިއެވެ. ވަކި ގަޑި އަކަށް އެޕޮއިންޓްމެންޓެއް ހަދައިގެން އެ ކްލައިންޓަކަށް ޚިދުމަތް ދިނުމަށާއި، ގަޑި އަށް މަސައްކަތް ނިންމަން އަބަދުވެސް ސެލޫންތަކުން މަސައްކަތް ކުރެއެވެ.

ބައެއް ފަހަރު ސެލޫންތަކުގައި ހީނުކުރާ ކަހަލަ ކަންކަން ދިމާވެފައި އެބަހުއްޓެވެ. މިފަހަރު މިއޮތީ މިކަހަލަ ވާހަކައެކެވެ. ޓްވިޓާގައި ޖޭމީ ގްނޫމަން ކިޔާ މީހަކު ޝެއާކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުން އަންހެނަކު ސެލޫން އަށް ގޮސް އޭނާގެ ހެއާ ޓްރީޓްމެންޓް ނަގަމުން ދިޔަ އިރު ޖެހިގެން ހުރި ގޮނޑީގައި އޭނާގެ ރަހުމަތްތެރިޔަކު އިށީނދެގެން އިނެވެ.

މި ވީޑިއޯ އިން ފެންނަނީ އެ އަންހެން މީހާ ރަހުމަތްތެރިޔާ އާއި ވާހަކަދައްކަން އުޅޭތީ ހެއަ ޑްރެސަ އުނދަގޫވެގެން އުޅޭ މަންޒަރެވެ. ސާޅީސް ހަތަރު ސިކުންތުގެ އެ ވީޑިއޯކޮޅުން ފެންނަނީ އެ އަންހެން މީހާ މަޑުން ނޯވެ ތެޅޭ ވަރުން އިސްތަށިގަނޑު ދޮންނަން އުނދަގޫވެގެން އުޅޭ މަންޒަރެވެ.

ފުރަތަމަ ހެއަ ޑްރެސަ ވަރަށް ކެތްތެރިކަމާއެކު އެ އަންހެން މީހާގެ ބޯ ތިރިކޮށް ރީތިކޮށް ބޯ ބަހައްޓަން މަސައްކަތް ކުރާ މަންޒަރު ފެނެއެވެ. އަދި އެއް ފަހަރު އެ އަންހެން މީހާ ރަހުމަތްތެރިޔާ އާއި އަނގަތަޅަމުން ފޯރީގައި ތެދުވަން އުޅުމުން ތަންކޮޅެއް ބާރަށް ބޮލުގައި އަތް އަޅާ ތިރިކޮށްލައެވެ. އެ ހިސާބުން އެ އަންހެން މީހާ މައާފަށް ވެސް އެދެއެވެ.

ނަމަވެސް ކުޑަ ވަގުތުކޮޅެއް ފަހުން އަނެއްކާވެސް އެ މީހާ އަނެއްކާވެސް ރަހުމަތްތެރިޔާ އާއި އަނގަތަޅަން ފަށައެވެ. އެންމެ ފަހުން ރުޅިއައިސްގެން ހެއަ ޑްރެސަ އެ އަންހެން މީހާގެ މޫނަށް ފެންޖަހާ މަންޒަރު ފެނެއެވެ. މި ވީޑިއޯ އާއްމުވުމާއެކު އާއްމުންގެ ޚިޔާލުތައް ބަންޑުންކޮށްލިއެވެ. ބައެއް މީހުން ވަނީ ހެއަ ޑްރެސަ އަންޕްރޮފެޝަނަލް ކަމަށާއި އޭނާގެ އަހުލާގު ދަށް ކަމަށް ބުނެފައެވެ. އަނެއް ބައި މީހުން ވާހަކަ ދެއްކީ އޭނާ ދިފާއުކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުޖެހޭ ބުނާކަށް

    ކޮބާ ވީޑިއޯ. ވީޑިއޯ ހޯދަން މި ބޭނުން ވަނީ