ޒަވާޖީ ޙަޔާތެއް ވޭތުކުރަމުންދާއިރު، އެކަކު އަނެކެއްގެ އެހީތެރިކަން ބޭނުންވާނެއެވެ. އެކަކު، އަނެކެއްގެ ހިތްވަރަށް ވާން ޖެހޭނެއެވެ. އުފާވެރި ޙަޔާތެއް ވޭތު ކުރެވޭނީ ކޮންމެވެސް މިންވަރަކަށް ދޫވެސް ދީގެންނެވެ. ހުރިހާ ކަމެއް ތިމާ ބޭނުންވާ އެންމެ ފުރިހަމައަށްވެސް ނުވާނެކަން ދަނެގެންނެވެ.

މިހެން ކަންތައްތައް ހުރިއިރު، ތިމާގެ ބައިވެރިޔާގެ ގާތުގައި ބުނެގެން ނުވާނެ، ނުވަތަ ކުރަން ބުނެގެން ނުވާނެ އެތައް ކަމެއްވެސް ހުންނާނެއެވެ. އެހެންކަމުން މިފަދަ ދެ ތިން ކަމަކަށް ބަލާލާނަމެވެ.

ވަކި މީހަކަށް ވާށޭ ބުނުން

ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. ކޮންމެ މީހެއްގެ މިޖާޒާއި، އުޅުމާއި ވައްޓަފާޅިވެސް ތަފާތުވާނެއެވެ. އެއް ހަޔާތެއް ވޭތުކުރަމުންދާއިރު މިކަންކަން ދަންނަން ޖެހޭނެއެވެ. އެހެންކަމުން، ވަކި މީހަކު އުޅޭ ގޮތަކަށް އުޅޭށޭ ބުނުމަކީ އެއްގޮތަކަށްވެސް ކޮށްގެން ވާނެކަމެއް ނޫނެވެ. ވަކީން ޚާއްޞަކޮށް، ވަކި މީހެއްގެ ނަން ކަނޑައެޅުމަށްފަހު އެމީހަކު އުޅޭ ގޮތަށް އުޅޭށޭ ބުނުން އެއްގޮތަކަށްވެސް ރަނގަޅު ނުވާނެއެވެ.

ރުއިން ހުއްޓާލާށޭ ބުނުން

ނޯތުވެސްޓަން ޔުނިވަރިސިޓީގައި މަސައްކަތް ކުރާ ކައުންސެލިން ދާއިރާެ ޕްރޮފެސަރެއްކަމުގައިވާ މިޝޭލް ކެރުލިސް ބުނެފައިވާ ގޮތުން، ވާހަކަ ދެއްކުމަކީ ކަންކަން ހައްލު ކުރުމަށް އޮތް އެންމެ ރަނގަޅު މަގެވެ. އަދި ރުއިމަކީ ކަންކަން ބޭރުކޮށް، ހިތް ސާފުކުރުމަށް އޮތް މަގެއްކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން، ރޮއެގެންވިޔަސް ހިތުގައިވާ ނުރަނގަޅު ވިސްނުންތަކާ ދުރުވުން މުޙިއްމުކަމަށް އޭނާ ދެކެއެވެ.

ބައެއް ކަންކަމަކީ އެއްވެސް ކަމެއް ނޫނޭ ބުނުން

ބައެއް ފަހަރު، މަސައްކަތުގެ މާހައުލުގައި ނުވަތަ އެހެންވެސް ކަންކަމުގެ ސަބަބުން މީހާ ސްޓްރެސްވެ، ރުޅި އަންނަ ގޮތްވެއެވެ. ރިލޭޝަންޝިޕް ކޯޗެއްކަމުގައިވާ އިމާނީ އައިޝާ ބުނެފައިވާ ގޮތުން، މިފަދަ ކަންކަމަކީ ކުދި ކަންކަމޭ ނުވަތަ އެއްވެސް ކަމެއް ނޫނޭ ބުނެ ދޫކޮށްލުމަކީ ރަނގަޅު ކަމެއް ނޫނެވެ.

މި ނޫނަސް، ބައިވެރިޔާގެ ގާތުގައި ކުރަން ބުނެގެން ނުވާނެ އެތައް ކަމެއް ހުންނާނެކަން ޔަޤީނެވެ.