ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ދިޔާ މިރްޒާ އާއި އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ ވައިބަވް ރޭކީ އަށް ފިރިހެން ކުއްޖަކު ލިބިއްޖެއެވެ.

ދަރިފުޅުގެ އިނގިލީގައި ހިފައިގެން ހުރެ ނަގާފައިވާ ފޮޓޯއެއް ދިޔާ މިރްޒާގެ އިންސްޓަގްރާމްގައި އާންމު ކުރި އިރު، މިއީ ދިޔާ މިރްޒާ އާއި އޭނާގެ ފިރިމީހާގެ އަލަތު ދަރިފުޅެވެ. މި ކުއްޖާއަށް ކީ ނަމަކީ އަވްޔާން އަޒާދް ރޭކީއެވެ.

ދިޔާ އާއި ވައިބަވް ރޭކީ ކައިވެނިކޮށްފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. ދިޔާ މިރްޒާ އޭނާގެ މީސް މީޑިޔާ އެކައުންޓުގައި ބުނީ ސިއްހީ މައްސަލަތަކާ ގުޅިގެން ދަރިފުޅު ވިހާފައި ވަނީ ދުވަސް ނުފުރާ ކަމަށެވެ. ނަމަވެސް ދަރިފުޅުގެ ހާލު ރަނގަޅުކަމަށް އޭނާ ވަނީ ބުނެފައެވެ.

ދަރިފުޅުގެ ސިއްހަތަށް ވިސްނާފައި ދިޔާ ވަނީ ސީސެކްޝަނެއް ހަދައި ދަރިފުޅު ނަގައިފައެވެ. މިހާރު ދަރިފުޅު އޮތީ ޑޮކްޓަރުންނާއި ނަރުހުންގެ ބެލުމުގެ ދަށުގައި ނިޔޯނޭޓަލް އައިސީޔޫގައި ކަމަށް ދިޔާ މިރްޒާ ވަނީ ބުނެފައެވެ.

ދަރިފުޅު ލިބުނު އުފަލުގައި ބައިވެރިވެ މަރުހަބާ ކިޔާފައިވާ ހުރިހާ ފަރާތްތަކަށް ދިޔާ ވަނީ ޝުކުރު ޢަދާކޮށްފައެވެ. އަދި ދަރިފުޅު ލިބުމުން އޭނާ އާއި ފިރިމީހާ ހުރީ ވަރަށް އުފަލުން ކަމަށް ދިޔާ ވަނީ ބުނެފައެވެ.

އުމުރުން 39 އަހަރުގެ ދިޔާއަކީ ބޮލީވުޑްގެ ފިލްމީ ދާއިރާގައި އެކްޓު ކުރުމާއި މޮޑެލް ކުރުމާއި ޕްރޮޑިއުސް ކުރުމުގައިވެސް ފާހަގަ ކޮށްލެވޭ ފަރާތެކެވެ. އަދި 2000 ވަނަ އަހަރު އޭނާ އަށް ވަނީ މިސް އޭޝިއާ ޕެސިފިކް އިންޓަނޭޝަނަލްގެ ލަގަބު ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު