މެސެޖާއި ވީޑިއޯ ކުރެވޭ އެޕްލިކޭޝަނެއް ކަމަށްވާ ވަޓްސްއެޕް އިން އިންޑިއާގެ ދެ މިލިއަން އެކައުންޓު ބްލޮކް ކޮށްފިއެވެ.

ވަޓްސްއެޕް އިން ބުނީ އިންޑިއާގެ ދެ މިލިއަނަށްވުރެ ގިނަ އެކައުންޓު ބްލޮކް ކޮށްފައި ވަނީ ގަވާއިދާ ހިލާފުވެގެން ކަމަށެވެ. އެއް މަސްތެރޭގައި ދެ މިލިއަން މީހުންގެ އެކައުންޓު ބްލޮކް ކޮށްފައިވާ ކަމަށް ވަޓްސްއެޕް އިން ބުނާއިރު 400 މިލިއަން މީހުން އެ ގައުމުގައި ވަޓްސްއެޕް ބޭނުންކުރެއެވެ.

ފޭސްބުކްގެ ދަށުން ހިންގާ ވަޓްސްއެޕް އިން ބުނީ ގިނަ ބައެއްގެ އެކައުންޓް ބްލޮކް ކުރަމުންދަނީ ފޮނުވަން ނުޖެހޭ ވައްތަރުގެ މެސެޖުތައް އެކި ފަރާތްތަކަށް ވަޓްސްއެޕް އިން ފޮނުވާތީ ކަމަށެވެ.

ދެހާސް އަށާރަ ވަނަ އަހަރު އިންޑިއާގައި ހިނގި އޮޕަރޭޝަނެއްގައި ވަޓްސްއެޕް މެދުވެރިކޮށް ގޭންގުތަކުން ކުޑަކުދިން ވަގަށް ނަގާ ކަމަށް އަޑުފެތުރި އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

އިންޑިއާ ސަރުކާރުން ދަނީ މީސްމީޑިއާގައި ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަ ފަރާތްތަކާއި ނޭދެވޭ މެސެޖުތައް ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަމުންނެވެ.

ދުނިޔޭގައި ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކުގެ އަދަދު ދެ ބިލިއަންގައި އުޅޭއިރު މެސެޖުކުރުމުގައި ރައްކާތެރި މާހައުލެއް ބިނާކުރުމަށް ވަޓްސްއެޕްއިން މަސައްކަތް ފަށާފައިވާތާ އަހަރުތަކެއް ވެއްޖެއެވެ. ވަޓްސްއެޕް އިން ދަނީ ދުނިޔެއިން ކޮންމެ މަހަކު އަށް މިލިއަން އެކައުންޓު ގަވާއިދާ ހިލާފުވުމުގެ ސަބަބުން ބްލޮކް ކުރަމުންނެވެ.

އިންޑިއާ ސަރުކާރުން މީގެ ކުރިން ވަނީ ވަޓްސްއެޕް މެދުވެރިކޮށް ނޭދެވޭ ވާހަކަތައް ފަތުރާ މީހުންގެ ލޮކޭޝަން ހިއްސާކުރުމަށް ވަޓްސްއެޕްގައި އެދިފައިއެވެ. ނަމަވެސް ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކުގެ އަމިއްލަ ހައްގުތަކަށް އަރަން ވަޓްސްއެޕް އިން ވަނީ ދެކޮޅު ހަދައިފައެވެ.