ފިރިމީހާއާ ޒުވާބު ކުރުމަށް ފަހު އަނބިމީހާ އިންޑިއާގެ އުއްތުރު ޕްރަދޭޝްގެ ގަޒިއަބާގެ އުސް އިމާރާތަކުން ވެއްޓޭ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

އިމާރާތާ ތަންކޮޅެއް ދުރުގައި ހުރެގެން މީހަކު ކުރި މި ވީޑިއޯގައި ފެންނަނީ އަންހެނަކު ބެލްކަނިން ތިރީގައި އޮއްވައި އޭނާގެ ފިރިމީހާ އޭނާގެ އަތުގައި ހިފަހައްޓައިގެން އޮންނަ މަންޒަރެވެ.

ގާތްގަނޑަކަށް ތިން ވަރަކަށް މިނިޓް ވަންދެން އަންހެން މީހާ ހިފަހައްޓައިގެން އޮތުމަށްފަހު ފިރިހެން މީހާގެ އަތުން އަންހެން މީހާ ދޫވެ އުސް އިމާރާތަކުން ވެއްޓޭ މަންޒަރު ފެނެއެވެ.

މި މަންޒަރު ބަލަން ހުރި މީހަކު ފުލުހަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެ ދެމީހުންނަކީ ދެމަފިރިން ކަމަށާއި އަންހެން މީހާ ބެލްކަނިން ފުންމާލަން މަސައްކަތް ކުރުމުގެ ކުރިން އެ ދެމަފިރިންގެ ދެމެދުގައި ވަރުގަދަ ޒުވާބެއް ކުރެވުނު ކަމަށެވެ. އެ ޒުވާބުގެ ތެރެއިން އަންހެން މީހާ ފުންމާލަން މަސައްކަތް ކުރި ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް އަންހެން މީހާ ހިފެހެއްޓުމަށް ފިރިހެން މީހާ މަސައްކަތް ކުރި ކަމަށާއި ނަމަވެސް ފިރިހެން މީހާއަށް ވެސް އެ އަންހެން މީހާ ހިފަހައްޓައިލެވުނީ ތިންވަރަކަށް މިނިޓް ކަމަށްވެއެވެ.

ފިރިހެން މީހާގެ އަތުން ދޫވެ އަންހެން މީހާ އުސް އިމާރާތަކުން ވެއްޓުނު ނަމަވެސް އެ ތަނުގައި ތިބި މީހުންގެ ހުޝިޔާރު ކަމުން އަންހެން މީހާއަށް ބޮޑެތި އަނިޔާތަކެއް ނުލިބި ސަލާމަތްވިއެވެ.

އަންހެން މީހާ ވެއްޓޭ ތަން ފެނުމުން އެތަނުގައި ތިބި މީހުން ވަނީ ބެޑް ޝީޓެއް ބޭނުން ކޮށްގެން އޭނާ ހިފަައިފައެވެ. އަދި ވަގުތުން ހޮސްޕިޓަލަށް ގެންދެވުނެވެ.

އައިސީޔޫގައި މިހާރު ވެސް ފަރުވާދެމުންދާ މި އަންހެން މީހާގެ ބަޔާނެއް ލިބެންދެން މައްސަލަ ބެލުން އޮތީ މެދުކެނޑިފައެވެ. މި އަންހެން މީހާ އަދި ވެސް ހޭ ނާރާ ކަމަށް ރިޕޯޓްތަކުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު