މަދުން ނޫނީ ނުފެންނަ ބޯވައިގެ ބާވަތެއް ކަމުގައިވާ ''ބިއްލޫރި ބޯވަ'' އެއް ކަނޑުގެ ދިރުންތައް ދިރާސާ ކުރާ މީހުންނަށް ފެނިއްޖެއެވެ. މި ބޯވައިގެ އެތެރެ ހަށި ފެނެއެވެ.

ޕެސިފިކް ކަނޑުން ފެނުނު މި ބޯވައިގެ ވީޑިއޯއެއް ނަގާފައިވަނީ ކަނޑު އަޑީގެ ރޮބޮޓެއް ކަމުގައިވާ ސުބާސްޓިއަން ނަން ދީފައިވާ ރޮބޮޓެކެވެ.

އޮސްޓްރޭލިޔާގެ ސިޑްނީގެ އުތުރުން 3200 މޭލު ދުރުގައި އޮންނަ ފަޅު ރަށެއްގެ މޫދުގައި 34 ދުވަސްވަންދެން ކުރި މަސައްކަތުން ދިރާސާ ކުރާ މީހުންނަށް ވަނީ މިފަދަ ދެ ބޯވާ ފެނިފައެވެ.

ސައިންޓިސްޓުން ބުނެފައިވާ ގޮތުގައި މި ބާވަތުގެ ބޯވާއަކީ މަދުން ނޫނީ ނުފެންނަ ބާވަތުގެ ބޯވައެކެވެ. މި ބާވަތުގެ ބޯވާ ދިރާސާ ކުރުމުގައި ދަތިތަކަކާއި ސައިންޓިސްޓުންނަށް ކުރިމަތިލާން ޖެހިފައިވަނީ ވެސް މި ސަބަބަށްޓަކައެވެ.

''ބިއްލޫރި ބޯވަ'' އަކީ ކަނޑުގައި ދިރިއުޅޭ ބާވަތެއްކަން އިންސާނުންނަށް އެނގިފައިވަނީ 1918 ވަނަ އަހަރު މިފަދަ ބޯވައެއް ފެނުމުންނެވެ.

މި ބާވަތުގެ ބޯވައާ ބެހޭގޮތުން ހޯދިފައިވަނީ ވަރަށް މަދު މަޢުލޫމާތު ކަމަށް ވެސް ސައިންޓިސްޓުން ވަނީ ބުނެފައެވެ. އިންޓަނެޝަނަލް ޔޫނިއަން ފޮރ ކޮންވަޒޭޝަން އޮފް ނޭޗަ އިން ބުނެފައިވަނީ މި ބާވަތުގެ ބޯވާ ބޮޑަށް ފެންނާނީ ހޫނު މޫސުމުގައި ކަނޑުގެ ވަރަށް އަޑިންނެވެ.

މި ދަތުރުގައި ބައިވެރިވި ސައިންޓިސްޓެއް ބުނެފައިވާ ގޮތުގައި މި ފެނުނު ބޯވާއިން ދިރާސާ ކުރެވޭނެއެވެ. އަދި މިފަދަ ''ލައިވް ޑައިވް'' ގެ ސަބަބުން ކަނޑުގައިވާ ދިރުންތަކުގެ ތެރެއިން މިހާތަނަށް ފެނިފައި ނުވާ ދިރުންތައް ހޯދޭނެ ކަމަށް އޭނާ ބުންޏެވެ.

މިކަމުގެ ސަބަބުން ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް ފަސޭހަވެގެންދާނެ ކަމަށް ވެސް ސައިންޓިސްޓުން ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޮޑޭ

    هَٰذَا خَلۡقُ ٱللَّهِ فَأَرُونِي مَاذَا خَلَقَ ٱلَّذِينَ مِن دُونِهِۦۚ بَلِ ٱلظَّٰلِمُونَ فِي ضَلَٰلٖ مُّبِينٖ

    މިއީ اللَّه ގެ ހެއްދެވުމެވެ. އެކަލާނގެ ރަސްކަންފުޅުނޫން ފަރާތްތަކުން ހަދާފައިވަނީ ކޮންއެއްޗެއްކަން، ތިޔަބައިމީހުން ތިމަންކަލޭގެފާނަށް، ފަހެ، ދައްކައިބަލާށެވެ! އަދި ކިއެއްތަ! مشرك ންވަނީ ބަޔާންވެގެންވާ މަގުފުރެދުމެއްގެ ތެރޭގައެވެ.

    -Surah Luqman, Ayah 11