2013 ވަނަ އަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހު މުމްބާއީގެ ޖޫހޫގައި ދިރިއުޅޭ އެޕާޓްމަންޓުގައި މަރުވެފައި އޮއްވާ ފެނުނު ބަތަލާ ޖިއާ ޚާންގެ މަރުގެ މައްސަލަ އަދި ވެސް އޮތީ ނުނިމިއެވެ. ޖިއާ ޚާން މަރުވެފައިވަނީ ދަންޖެހިގެންނެވެ. އަދި މި މަރުގެ ޒިންމާ އެެޅުވިފައިވަނީ ޖިއާގެ ލޯބިވެރިޔާ އަދި އެކްޓަރ ސޫރަޖު ޕަންޗޯލީއަށެވެ.

ޖިއާ މަރުވުމަށް ފަހު ޖިއާގެ ދައްތަ ވަނީ ޖިއާ ލިޔެފައިވާ އަށް ސަފުހާގެ ސިޓީއެއް ފުލުހުންނާއި ހަވާލު ކޮށްފައެވެ. މި ސިޓީގައި އޭނާ އަމިއްލައަށް މަރުވާން ބޭނުންވި ސަބަބާއި ސޫރަޖުއާއި އޭނާގެ ދެމެދުގައި ޖެހުނު މައްސަލަތައް ލިޔެފައިވެއެވެ.

ޖިއާގެ ސިޓީގައި ސޫރަޖުގެ ނަން އައިސްފައި އޮތުމުން 2013 ވަނަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު ސޫރަޖު ހައްޔަރު ކުރިއެވެ. އަދި ބޮމްބޭ ހައިކޯޓުގެ ބެއިލްގެ ދަށުން އެ އަހަރުގެ ޖުލައި މަހުގެ ދެ ވަނަ ދުވަހު ސޫރަޖު ދޫކޮށްލިއެވެ.

އެއަށްފަހު ޖިއާއަށް އިންސާފު ހޯދައިދިނުމަށް ޖިއާގެ މަންމަ ރާބިއާ ޚާން ވަނީ މި މައްސަލަ ސީބީއައި އިން ބެލުމަށް އެދި ބޮމްބޭގެ ހައިކޯޓަށް ހުށަހަޅައިފައެވެ.

އަށް އަހަރަށް ދިގުލައިދެމިގެން ދިޔަ މި މައްސަލަައިގެ ތަހުގީގުތައް މިހާރު ވަނީ ސީބީއައިގެ ހާއްސަ ޓީމަކުން ފަށާފައެވެ.

މި މައްސަލައާއި ގުޅިގެން ފިލުމު ''ހީރޯ'' ގެ އެކްޓަރ ސޫރަޖު ބުނެފައިވަނީ އަށް އަހަރު ވަންދެން ކޯޓަށްދާ ކަމަށެވެ، ނަމަވެސް ޖިއާގެ މަންމަ ލަންޑަންގައި ހުރެގެން ކޯޓަށް ނައިސް އިންޓަވިއުދީގެން އިންސާފު ނުހޯދޭނެ ކަމަށް ވެސް ސޫރަޖު ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު