ސާރި ދޯޅަކީ އިންސާނުންގެ އަމަލު ހުންނަގޮތުން ބައެއް ފަހަރު ވަރަށް ނުލަފާ އެއްޗަކަށް ވެއެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ސާރިދޯޅު އުޅޭއިރު އެކި މީހުންނާ އެކި ކަންކަމާ ކުރިމަތިލާން ޖެހެއެވެ. ދާދިފަހުން ސާރިދޯޅުގެ އުނދަގުލާ ހެދި ރަޝިޔާގެ ދެމެފިރިއަކު 10 ވަރަކަށް ދުވަސް ވަންދެން ގަސްތަކުގެ މަތީގައި އުޅެން މަޖުބޫރުވިއެވެ.

ރަޝިޔާގެ ޒުވާން ދެމެފިރިން ކަމުގައިވާ އެންޓަން އާއި ނީނާ ބޮގްޑަނޯވް ވަލު ތެރެގައި ކާނެ އެއްޗެއް ނެތި 10 ދުވަސް ހޭދަކުރަން ޖެހުނީ އެމީހުން ދުއްވާލަން ނުކުމެ އުޅުނު ވެހިކަލް ޗަކަގަނޑަކަށް ގެނބުމުގެ ސަބަބުން ހިނގާފައި އުޅުމުގެ ތެރޭގައި ދިމާވި ސާރިދޯޅަކާއި ހެދިއެވެ.

އެންޓަން އާއި އޭނާގެ އަނބިމީހާ އެއްރޭ ހޭދަކުރީ އެމީހުންގެ ވެހިކަލުގައެވެ. އަދި އެމީހުންގެ ވެހިކަލް ޗަކަގަނޑުން ނެގުމަށް އެހީވާނޭ ބަޔަކު ހޯދަން ދާންޖެހުނީ ހިނގައިފައެވެ. ޖަންގަލިތެރޭގައި ތިބުމުގެ ސަބަބުން ފޯނަށް ރޭންޖު ނުލިބި އެތައް އުނދަގުލަކާ އެންޓަންގެ ދެ މަފިރިން ކުރިމަތިލާން ޖެހުނެވެ.

އެންޓަންގެ ދެމަފިރިން އެމީހުން އުޅޭ ފަތުރުވެރިންގެ ޓެންޓާއި ހަމައަށް ހިނގަމުން ދަނިކޮށް ފަހަތުގައި އަޅައިގަތް ސާރި ދޯޅަކީ އުނދަގޫ ބޮޑު އެއްޗަކަށް ވިއެވެ. އެމީހުން ދަތުރުކުރި ސަރަހައްދަކީ ސާރި ދޯޅު ގިނަ އަދަދަކަށް ދިރިއުޅޭ ސަރަހައްދަކަށް ވާއިރު ސާރި ދޯޅެއްގެ އުނދަގޫ މިވަރަށް ޖެހޭނޭ ކަމެއް ކުރިއަކު އެމީހުންނަކަށް ނޭނގެއެވެ.

ސާރި ދޯޅު އެމީހުންނަށް ބިރު ދައްކަމުންދިޔަ އިރު އެމީހުން ދިޔައީ ކުރެވުނު ހުރިހާ ކަމެއް ކޮށް ސާރި ދޯޅު ބިރުގަންނަވާލުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ނީނާމެންގެ މަސައްކަތް ކާމިޔާބުވާގޮތެއް ނުވެ އެމީހުންނަށް ގަސްތަކުގެ މަތީގައި އުޅެން މަޖުބޫރު ކުރުވިއެވެ.

ސާރިދޯޅުގެ އުނދަގުލުގައި ޖެހި އެންޓަންގެ ދެމަފިރިން ގަސްތަކުގެ މަތީގައި ޑިއުޓީ ބަހައިގެން ނިދަމުންދިޔައިރު 10 ވަނައަށްވީ ދުވަހު އެމީހުން ސަލާމަތް ކުރުމަށް ބަޔަކު އައިސްފައިވެއެވެ.

ނީނާ އާއި އެންޓަންގެ ހަނދާނުން ދުވަހަކުވެސް މި ހާދިސާ ފިލައިގެން ނުދާނެ ކަމަށް އެމީހުން ބުންޏެވެ. އެމީހުންގެ ހާލު މިހާރު ރަނގަޅެވެ.

ކިޔުންތެރިންގެ ހިޔާލު