މަޝްހޫރު ކާޓޫނެއް ކަމަށްވާ "ކަރޭޖް ދަ ކަވާޑްލީ ޑޯގް" ގައި އުޅޭ މާމަ، މިއުރިއެލް ބޭގްގެ އަޑުއެޅި ތީއާ ވައިޓް މަރުވެއްޖެއެވެ.

ވޮއިސް އެކްޓްރެސް ތީއާ ވައިޓް މަރުވީ އޭނާގެ އުމުރުން 81 އަހަރުގައެވެ. އޭނާ މަރުވީ ކެންސަރު ބަލީގައި ފަރުވާ ހޯދަމުންދަނިކޮށް ސާޖަރީގެ ތެރޭގައި ހިނގި ކަންކަމުގެ ތެރޭގައި ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ވައިޓްގެ ކޮއްކޮއެއް ކަމަށްވާ ބްރޭޓް ޒިޓްޒްނާ މީސްމީޑިއާގައި ވަނީ ވައިޓްގެ އެންމެ ފަހު ވަގުތުކޮޅުގެ ހާލަތުގައި ކަންކަން ހިނގައި ދިޔަ ގޮތް ހިއްސާކޮށްފައެވެ. އޭނާ ބުނީ ވައިޓް މަރުވީ ކެންސަރުން ފަރުވާ ހޯދުމަށް ކުރި އޮޕަރޭޝަނުގެ ތެރެއިން ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

ވައިޓް އުފަންވެފައި ވަނީ 1940 ވަނަ އަހަރު އެމެރިކާގެ ނިއުޖާޒީއަށެވެ. ވަރަށް ކުޑައިރުއްސުރެ ވައިޓް އެކްޓިން ދާއިރާއަށް ޝައުގުވެރިކަން ހުންނަކަން ހާމަކުރިއިރު އޭނާގެ މަންމަ އާއި މާމައަކީވެސް އެކްޓިން ދާއިރާގައި ހަރަކާތްތެރިވާ މީހެކެވެ.

ސާނަވީ ތައުލީމަށްފަހު ވައިޓް އޭނާގެ އެކްޓިން ކެރިޔާ ބިނާކުރުމަށް ރޯޔަލް އެކެޑަމީ އޮފް ޑްރަމެޓިކްސް އާޓްސް އެންޑް ދަ އެމެރިކަން ތިއޭޓާ ވިންގުގައި ކިޔަވަން ފެށިއެވެ.

އެކި ވަޒީފާތަކުގައި ވައިޓް މަސައްކަތް ކޮށްފައިވާ އިރު 1983 ވަނަ އޭނާ ވަނީ ސްކޮޓިޝްގެ ބެރު ޖަހާ މީހެއް ކަމަށްވާ އެންޑީ ވައިޓް އާ ކައިވެނިކޮށްފައެވެ. އޭގެ ފަހުން ވައިޓް މަސައްކަތް ކުރީ ލައިބްރޭރިއަންއެއްގެ ވަޒީފާގައެވެ.

ވައިޓްގެ ފިރިމީހާ އެންޑީ 2015 ވަނަ އަހަރު މަރުވި އިރު އޭގެ ފަހުން އޭނާ އެއްވެސް ކައިވެންޏެއް ނުކުރެއެވެ.

ކާޓޫން ނެޓްވޯކްގެ ސީރީސް "ކަރޭޖް ދަ ކަވާޑްލީ ޑޯގް" ގައި ވައިޓް މަސައްކަތް ފެށީ 1999 ވަނަ އަހަރުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކިޔާ

    މީގަ އުޅޭނެ ފިސާރި ދަގަނޑު ކާފައެއް..އޭނަގެ އަޑު އަޅާފަ ހުރި މީހެއްގެ ވާހަކަވެސް ޖަހާލިނަމަ ދޯ.