އިންޑިއާގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ ބަލި މީހެއްގެ ގައިގައި މީދަލެއް ދަތް އެޅި މައްސަލައެއް ބޮޑު ވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މީދާ ދަތް އަޅާފައިވަނީ މުމްބާއީގައި ހުންނަ ސަރުކާރު ހޮސްޕިޓެލެއްގައި ފަރުވާ ދެމުން ދިޔަ އުމުރުން 24 އަހަރުގެ ފިރިހެނެއްގެ ގައިގައެވެ.

އެ މައްސަލަ ބޮޑުވެފައިވަނީ މީދާ ދަތް އެޅިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް އެ މީހާ މަރުވުމާއި ގުޅިގެންނެވެ.

އޭނާ އަކީ ގިނަ އަދަދެއްގެ ބަނގުރާ ބޭނުން ކުރުމުގެ ސަބަބުން ފުރަމޭ ހަލާކު ވެގެން އައިސީޔޫގައި ފަރުވާ ދެމުން ދިޔަ މީހެކެވެ.

މީދަލެއް ދަތް އެޅުމުގެ ސަބަބުން އެ މީހާ މަރުވި ނަމަވެސް، އޭނާ އަށް ފަރުވާ ދެމުން ދިޔަ ހޮސްޕިޓަލުގެ މެނޭޖްމެންޓުން ބުނެފައިވަނީ އޭނާ މަރުވެފައިވަނީ މީދާ ދަތް އެޅުމުގެ ސަބަބުން ނޫން ކަމަށާއި އެކަމުގެ ސަބަބުން އޭނާގެ ލޮލަށް އެއްވެސް ކަހަލަ ގެއްލުމެއް ނުވާ ކަމަށެވެ.

ސްރިނިވާސަން ޔެލަޕާ ނަމަކަށް ކިޔާ އެ މީހާގެ ގާތް މީހަކު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، މީދާ ދަތް އަޅާފައިވަނީ އޭނާގެ ލޯ ކައިރީގައި ކަމަށެވެ.

އޭނާގެ ކޮއްކޮ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ އޭނާ މަރުވުމުގެ ކުރިން އާއިލާއަށް އޭނާގެ މޫނު ނުދައްކާ ކަމަށާއި މޫނު ދައްކާފައިވަނީ މަރުވި ފަހުން ކަމަށެވެ.

"ބޭބެއަށްވީ ގޮތަށް އެހެން ބަލި މީހުންނަށް ވެގެން ނުވާނެ. ބޭބެއަށް އިންސާފު ބޭނުން. ބޭރުގައި ބައިތިއްބައިގެން އެކަންކަން ހިނގިއިރު އަންގާނުލާ ތިބީ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާނަން" އޭނާގެ ކޮއްކޮ ބުނެފައިވެއެވެ.

ހޮސްޕިޓަލުގައި ގިނަ އަދަދެއްގެ މީދާ އުޅޭ ކަމަށް ބުނުމާއި ގުޅިގެން ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރަކު ބުނީ މީދާގެ ފުށުން ސަލާމަތްވުމަށް ފިޔަވަޅުތައް ކުރިއަށް އޮތްތަނުގައި އަޅާނެ ކަމަށެވެ. އެހެން ނަމަވެސް އޭނާ ވަނީ ބަލި މީހުން ވޯޑުގައި ކާ ތަކެތި ބަހައްޓާ ކަމަށް ބުނެ އެފަރާތްތައް ބަދުނާމު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ

    ކިޔެކޭ ދޯ ދެން ކިޔާނީ މިތާ!!! މިއީ މިރާއްޖެ ތަރައްގީ ކުރުމައް ކަރުހިއްކައިގަނެގެން މި ތާންގަ ވަކި ބައެއްގެ މަދަދާ އެކު ވަކި ހިއްޕައިގެން ތިބި އިންޑިޔާގެ ސިއްހީ ހާލަތު ހުރި ގޮތް!!!

    7
    1