ހުރިހާ ރީތީގެ ރާނީން އުޅެފައި ވަނީ އުފާވެރި ދިރިއުޅުމެއްގައެއް ނޫނެވެ. ބައެއް މީހުން ލޯބީގެ އަވާގައި ޖެހި އެންމެ ފަހުން ދިމާވި ހާދިސާތަކުގައި މި ދުނިޔެއާ ވަކިވެގެން ދިޔައިރު، ކުށުގެ ވެށީގެ ތެރޭގައި ބައެއް މިފަދަ ރީތީގެ ރާނީން އުޅެފައި ވެއެވެ. މިއީ އެފަދަ ހިތާމަވެރި ދުވަސްތައް ވޭތުކުރި ރީތީގެ ރާނީން ވަކިވެގެން ދިޔަ ގޮތުގެ ވާހަކައެވެ.

ވިވިކާ ބަބަޖީ (1971-2010)

މޮރިޝަސްއަށް ނިސްބަތްވާ މޮޑެލް، އަދި އެކްޓްރެސް ވިވެކާއަކީ 1993 ވަނަ އަހަރު މިސް މޮރިޝަސް ވޯލްޑެވެ. އަދި 1994 ވަނަ އަހަރު މިސް މޮރިޝަސް ޔުނިވާސް އެވެ. އޭނާ ވަނީ އަމިއްލައަށް މި ދުނިޔެއާ ވަކިވެފައެވެ. އޭނާ މަރުވެފައި ވަނީ މުމްބާއީގައި ދިރިއުޅެމުންދިޔަ އެޕާޓްމެންޓްގައެވެ. ފުލުހުންގެ ރިޕޯޓްތައް ބުނާގޮތުގައި އޭނަ އުޅުނީ ޑިޕްރެޝަންގައެވެ. އޭނާ އަމިއްލައަށް މަރުވުމުގެ ކުރިން މަންމައަށް ފޯނުން ގުޅާފައި މި ދަނީ ވަރަށް ވަރަށް ދުރަށް ކަމަށް ބުންޏެވެ.

ނަފީސާ ޖޮސެފް (1978-2004)

މިސް އިންޑިއާ ޔުނިވާސް 1998 ހާސިލް ކުރި ނަފީސާވެސް އަމިއްލައަށް މަރުވީ ވާން އުޅުނު ފިރިމީހާއާ މައްސަލަ ޖެހިގެންނެވެ. 2004 ވަނަ އަހަރުގެ ޖުލައި މަހުގެ 29 ވަނަ ދުވަހު އޭނާ މަރުވިއިރު، އުމުރުން 19 އަހަރުގައި އޭނާއަށް ވަނީ ރީތީގެ ރާނީގެ ލަގަބް ލިބިފައެވެ. އޭނާގެ މައިންބަފައިން މީޑިއާއަށް މައުލުމާތު ދެމުން ބުނީ، އޭނާ އަމިއްލައަށް މަރުވާން ޖެހުނީ އޭނާ ވާން އުޅުނު ފިރިމީހާ ވިޔަފާރިވެރިޔާ ގައުތަމްގެ ކައިވެނި ކެންސަލް ކުރުމުން ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުގައި، ނަފީސާއަށް ލިބުނު މައުލޫމާތަކީ ގައުތަމް ކައިވެނިކޮށްގެން ހުރި ކަމާއި، އޭނާ ކައިވެނި ނުރޫޅާ ކަމެވެ.

މަރީނާ ކޮލޮބޯވާ-ފެދާސްޓޯން (1978-2012)

މިއީ ޔޫކްރޭންއަށް ނިސްބަތްވާ ރީތީގެ ރާނީއެކެވެ. އޭނާ މަރުވެފައި ވަނީ ފިރިމީހާގެ ކައިވެނި ރޫޅުމުންނެވެ. އެ މީހުންގެ އެއް އަހަރުވީ ކައިވެނި ރޫޅުނު ފަހުން މަރީނާ މަރުވެފައި ވަނީ މަސްތުވެގެންނެވެ.

ސިލާ މޮލްނާރް (1969-1986)

1985 ވަނަ އަހަރު މިސް ހަންގޭރީގެ ތާޖު ލިބުނު ސިލާ އަމިއްލައަށް މަރުވިއިރު އުމުރަކީ 17 އަހަރެވެ. އޭނާ މަރުވެފައި ވަނީ 1986 ވަނަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ. އޭނާ ކުރިން ދިން ރޭޑިއޯ އިންޓަވިއުއެއްގައި ބުނެފައި ވަނީ، އޭނާއަަށް މިކަން ކުރެވޭނެ ހެން ހީނުވާ ކަމަށާއި، މީހުން އޭނާއަށް ފުރައްސާރަ ކުރަމުންދާ ކަމަށެވެ. "މީހުން އަހަރެން ކައިރީގައި އަހަންނަށް ތިހާ ރީތި ހެދުން ލިބެނީ ކޮންތާކުންތޯއާއި، އެހީތެރިވެދިނީ ކާކުތޯއާއި، ޖޫރީގައި ބައްޕަ ރައްޓެއްސަކު ނޫނީ އޭނާގެ ރައްޓެސަކު ހުރިތޯ ސުވާލު ކުރި".

މިއީ އަހަރުތަކެއް ކުރިން ރީތީގެ ރާނީންގެ ލަގަބު ހޯދި ބައެއް ތަރިން މަރުވެގެން ދިޔަ ގޮތެވެ.

ކިޔުންތެރިންގެ ހިޔާލު