އިނގިރޭސި ވިލާތުގު ގޮނޑުދޮށާ ދިމާލު މޫދުން ބޮޑު މިޔަރެއް ފެނިގެން، އެ ސަރަހައްދު ބީޗުގައި ތިބި މީހުން އެ ތަނުން ހުސްކޮށްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އިއްޔެގެ ވަގުތެއްގައި ހުސްކޮށްފައި ވަނީ ބޯންމައުތުގައި ހުންނަ ބޮސްކޮމްބެ ބީޗެވެ. އެ ބީޗު ހުސް ކުރި ވަގުތު އެ ބީޗުގެ މޫދަށް އެރިގެން ގިނަ ބަޔަކު ތިބި ކަމަށްވެއެވެ. އެހެންވެ ބީޗުގައި ތިބި ލައިފްގާޑު ޓީމުތަކުން ރަތް ކުލައިގެ ދިދައެއް ވެސް ބޭނުންކުރިއެވެ.

ގޮނޑުދޮށާ ދިމާލު މޫދުގައި ބޮޑު އެއްޗެއް އުޅޭ ކަމަށް ބުނެ، ލައިފްގާޑުން ވަނީ މޫދުން ހުރިހާ އެންމެން އެރުމަށް ވެސް އިއުލާންކޮށްފައެވެ.

އޭރު އެ ބީޗުގައި އާއިލާތަކުން ދިޔައީ ޗުއްޓީ ހޭދަކުރަމުންނެވެ. އަދި އެ އިއުލާންއާ އެކު އެތަން އެއް ގަޑިއިރަށް ހުސްކޮށްފައިވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، އެ މިޔަރު ހޯދުމަށް ލައިފްގާޑްގެ ޓީމުތަކުން ޖެޓްސްކީގައި ވެސް ނުކުތެވެ. އެކަމަކު، ދެ ވަނަ ފަހަރަށް އެ މިޔަރު ފެނިފައި ނުވާ ކަމަށްވެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ގޮނޑުދޮށުން ފެނިފައި ވަނީ ވަރަށް ނުރައްކާތެރި ވައްތަރެއްގެ މިޔަރެކެވެ.

މިޔަރު ފެނޭތޯ ބެލުމުގެ މަސައްކަތް ކުރަނީ

މަންޒަރު ދުށް މީހެއް ކަމަށްވާ ގެމާ ހާރިސް ބުނީ މޫދުގައި އެއްޗެއް އުޅޭ ކަން އިއުލާން ކުރުމާ އެކު ބީޗުގައި ތިބި މީހުންނާއި މޫދުގައި ތިބި މީހުން ދުއްވައިގަތީ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ކަމަށެވެ. އަދި ބީޗަށް އަލުން މީހުން ވެއްދުމުގެ ކުރިން ދޮޅު ގަޑިއިރެއްހާ އިރު ވަންދެން އެތަން ބަންދުކޮށްފައި އޮތް ކަމަށް ވެސް އެމީހާ ކިޔައި ދިނެވެ.

 

ކިޔުންތެރިންގެ ހިޔާލު