އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްގެންދިޔަ ޝޫޓެއްގެ ތެރެއިން ދިމާވި ހާދިސާއެއްގެ ސަބަބުން ސްޓަންޓް މޭންއެއް މަރުވެއްޖެއެވެ.

އުމުރުން 35 އަހަރުގެ ވިވެކް ނަމަކަށް ކިޔާ އެ ސްޓަންޓް މޭން މަރުވެފައި ވަނީ ކަންނާޑާ ފިލުމު ''ލަވް ޔޫ ރަޗޫ'' ގެ ޝޫޓިންގގެ ތެރެއިންނެވެ.

އޭނާ މަރުވީ ކަރަންޓްގައި ޖެހިގެންނެވެ. ވިވެކް ކަރަންޓުގައި ޖެހުމުން އޭނާ ބެންގަލޫރުގެ ރާޖަޝްވަރީ މެޑިކަލް ކޮލެޖު އެންޑު ހޮސްޕިޓަލަށް ގެންދިޔައެވެ. ވިވެކް ސަލާމަތް ކުރުމަށް ޑޮކްޓަރުން މަސައްކަތް ކުރި ނަމަވެސް ސަލާމަތެއް ނުވިއެވެ.

މިދިޔަ ހޯމަ ދުވަހު މަރުވި ވިވެކް ވަނީ 40 ފިލުމެއްގައި ސްޓަންޓް މޭންއެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.

މި ހާދިސާގައި އިތުރު ސްޓަންޓް މޭންއަކަށް ވެސް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވެފައި ވަނީ، ސްޓަންޓް މަންޒަރެއް ނަގަން އުޅުމުގެ ތެރޭގައި އިލެކްޓްރިކް ވައިރެއްގެ މައްޗަށް އެރުމުންނެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މި ފިލުމުގެ ފަރާތުން މިފަދަ ޝޫޓެއް ކުރުމަށް ހުއްދައަށް އެދިފައި ނުވާ ކަމަށެވެ.

އެ މައްސަލާގައި ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ވަނީ ހައްޔަރު ކޮށްފައެވެ.

ކަރްނާޓާގެ ޗީފް މިނިސްޓަރ ބަސަވަރާޖު ބޮމްވާއީ ވިދާޅުވެވައި ވަނީ މިކަމަށް ގަވާއިދުތަކެއް ހެދިފައި ވީ ނަމަވެސް އެ ގަވާއިދުތަކަށް ޢަމަލު ކުރަނީ މަދު ބައެއް ކަމަށެވެ. އެހެންކަމުން މިކަމާއި ގުޅިގެން ގަވާއިދުތައް އިތުރުކޮށް، ފިޔަވަޅުތައް ހަރުދަނާ ކުރާނެ ކަމަށެވެ. އަދި ހުއްދަ ހޯދައިގެން ކުރަންޖެހޭ ކަންތައްތައް ވެސް ގިނަވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު