ސާރާ އަލީ ހާން އަކީ ބޮލީވުޑްގެ އެންމެ އުހުގައި މިހާރު ފިޔަ ޖަހަމުން އަންނަ އެއް ނަމެވެ. ސައިފް އަލީ ހާންގެ ދަރިފުޅު އަދި ބަތަލާ ސާރާ އަލީ ހާން އަކީ މަސައްކަތާ ދުރުގައި ވަގުތު ހޭދަކޮށް، ބޯ ހަމަޖައްސާލައި ހިތްހަމަޖެހޭ ފަދަ ވަގުތުކޮޅެއް ހޭދަކޮށްލާ ހިތްވާ މީހެކެވެ. އެގޮތުން އޭނާ އެންމެ ގިނައިން ޗުއްޓީ ހޭދަކުރަން މިހާރު އަންނަ އެއް ގައުމަކީ ރާއްޖެއެވެ.

ޚާއްސަ ހަފްލާތައް ފާހަގަކުރުމަށާއި، ހަފްތާ ބަންދާ ދިމާކޮށް ވެސް ސާރާ ދަނީ ރާއްޖެ އަންނަމުންނެވެ. ބައެއް ފަހަރު އޭނާ ރާއްޖެ އަންނަނީ އާއިލާއާ އެކުގައެވެ. އެހެން ބައެއް ފަހަރު އެކުވެރިންނާ އެކުގައެވެ. އަދި މަދުން ނަމަވެސް އެކަނި ވެސް ސާރާ ވަނީ ރާއްޖެ އަށް އައިސްފައެވެ.

ސާރާ ވަނީ އެކި ފަހަރު މަތިން އިންޓަވިއުތަކުގައި އޭނާ ރާއްޖެ ދެކެ ލޯބިވާ މިންވަރު ހާމަކޮށްފައެވެ. އެގޮތުން މީގެ ކުރިން ބައެއް އިންޓަވިއުތަކުގައި އޭނާ ވަނީ އޭނާ އަށް ހުރެވޭ ނަމަ ރާއްޖޭގައި ގެދޮރުއަޅައިގެން އުޅެންވެސް ތައްޔާރުކަމަށް ބުނެފައެވެ. އަދި ރާއްޖޭގެ މޫދު ފެނިފައި އޭނާ އަށް ކުރެވޭ އިހުސާސަކީ އޭނާ އަށް އާދަޔާއި ހިލާފު ހިތްހަމަޖެހުމެއް ލިބޭ ކަމެއް ކަމަށް ވެސް އޭނާ ބުނެއެވެ.

ދާދިފަހުން ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ އަނެއްކާވެސް ރާއްޖެ އަށް ތައުރީފްކޮށްފައެވެ. އަދި އޭނާ ކުރަން ބޭނުންހާވެސް ކަމަކީ ރާއްޖޭގައި އިރުއޮއްސޭ މަންޒަރު ބަލަން އިނުން ކަމަށާއި އެއަށް ވުރެ ހިތްހަމަޖެހޭ މަންޒަރެއް އޭނާ އަށް އަދި ދުނިޔޭގެ އެއްވެސް ތާކުން ނުފެންނަ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ރާއްޖޭގައި އިރުއޮއްސޭ މަންޒަރު ބަލަން އިނުމަކީ އޭނާ ހުރިހާ އެހެން ހިޔާލުތަކާއި ދުރުކޮށްލާ ކަމެއް ކަމަށް ސާރާ ބުނެއެވެ.

ސާރާ ވަނީ ދާދިފަހުން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު