ކޮވިޑް-19 ގެ ވެކްސިން ޖަހާފައި ހުރި މީހުން އޮސްޓްރޭލިއާގެ ފިހާރައަކަށް ވަދެ ވިޔަފާރި ކުރުން މަނާކޮށްފިއެވެ.

ވިޔަފާރި ކުރުން މަނާކޮށްފައި ވަނީ އޮސްޓްރޭލިއާގެ އެޑެލައިޑް ޓައުންގައި ހުރި "ޖައިގެންޓިކް ސައިންސް" ނަމަކަށް ކިޔާ ފިހާރައެކެވެ. އެ ފިހާރައިގެ ވެރިމީހާ ވަނީ ވެކްސިން ޖަހާފައި ހުރި މީހުންނަށް ނުވަދެވޭނެ ކަން އަންގައި ސްޓޯރުގެ ބޭރުގައި ބޯޑެއް ވެސް ހަރުކޮށްފައެވެ.

އެ ފިހާރައިގެ ވެރިޔާ މިގޮތަށް ނިންމުމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެއީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށް ބުނެފައެވެ. އެކަމަކު ގާނޫނީ ގޮތުން ތަޖުރިބާކާރަކު ބުނެފައި ވަނީ ފިހާރައިގެ ވެރިމީހާ އެއްވެސް ގާނޫނަކާ ހިލާފުވެފައިވާ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

އޮސްޓްރޭލިއާގެ ޕްރޮފެސަރު ރިކް ސާރޭ ބުނި ގޮތުގައި ވެކްސިން ޖަހާފައި ތިބި މީހުންނަށް އެއްވެސް ދަތި ކުރުމުގެ ފިޔަވަޅެއް ނޭޅޭނެ ކަމަށް އެ ގައުމުގެ ގާނޫނުތަކުގައި ނެތް ކަމަށެވެ. އެހެންވެ އެމީހަކު ބޭނުން އުސޫލެއް މިކަމުގައި ގެންގުޅެވޭނެ ކަމަށް އޭނާ ބުނެއެވެ.

މި ސްޓޯރުގެ ވެރިޔާ ބުނެފައި ވަނީ އޮސްޓްރޭލިއާގައި ހިންގަމުން އަންނަ ވެކްސިން ކެމްޕެއިންގެ އަމާޒަކީ ބަޔަކު މެރުން ކަމަށެވެ.

މި ފިހާރައިގެ ނިންމުމާ ގުޅިގެން ގިނަ ބަޔަކު ވަނީ މީސް މީޑިއާގައި އެކަމާ ދެކޮޅަށް އަޑު އުފުލައިފައެވެ. އަދި ބައެއް މީހުން ވަނީ މި ނިންމުމާ މެދުގައި ހިތްހަމަނުޖެހޭ ކަމަށް ބުނެ އެ ސްޓޯރް ބޮއިކޮޓް ކުރުމަށް ވެސް ގޮވާލައިފައެވެ.

ދުނިޔޭގައި ހަލުވިކަމާއެކު، ފެތުރެމުން އަންނަ ކޮވިޑް-19 އިން ރައްކާތެރިވުމަށް ހުރިހާ ގައުމެއްގައި ވެސް އެކި ވައްތަރުގެ ވެކްސިން ދަނީ ބޭނުން ކުރަމުންނެވެ. އޭގެ ތެރޭގައި ދުނިޔޭގައި އެންމެ މަޝްހޫރު ވެކްސިންތަކަކީ ސިނޮފާމް، ކޮވިޝީލްޑް، ފައިޒާ ފަދަ ވެކްސިންތަކެވެ. މި ވެކްސިންތައް ދުނިޔޭގެ އެތައް މިލިއަން ބަޔަކު ވަނީ މިހާރު ޖަހައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާިްަެައަލީ

    ކޮވި ސީލްޑް އަކީ
    މަސްހޫރު އެއްޗެއް ނޫން

    11