ބޮލީވުޑުގެ ބަތަލާ ޕަރިނީތީ ޗޯޕްރާ އޭނާގެ އާއިލާއާއި އެކު ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެއެވެ. މަންމަ ނީނާ ޗޯޕްރާއާއި ބައްޕަ ޕަވަން ޗޯޕްރާގެ އިތުރުން ބޭބެ ޝިވާންގް ޗޯޕްރާއާއި އެކު ޕަރިނީތީ ރާއްޖެ އައިސް ހުރީ މާމުނަގައު ރިސޯޓުގައެވެ.

ރާއްޖޭ އައިސް ރިސޯޓުގައި ހަތަރު މީހުން ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް ޕަރިނީތީ ބުނެފައިވަނީ އޭނާގެ އަނެއް ބޭބެ ސަހަޖު ޗޯޕްރާ މަތިން ވަރަށް ހަނދާންވާ ކަމަށެވެ.

ރާއްޖޭގެ ހިތްގައިމު މަންޒަރުތަކުން ޕަރިނީތީގެ އިންސްޓަގުރާމުގައި ވަނީ އެތައް ޕޯސްޓެއް ހިއްސާ ކޮށްފައެވެ. ރިސޯޓަށް ފޭބި ހިސާބުން ފެށިގެން ދުވަހުގެ އުސްއަލިތައް ދަނީ އިންސްޓަގުރާމުގައި ހިއްސާ ކުރަމުންނެވެ.

ޕަރިނީތީގެ މި ދަތުރުގައި ގިނަ ފޮޓޯތަކެއް އިންސްޓަގުރާމުގައި ހިއްސާކުރަމުން ބުނެފައިވަނީ އޭނާގެ އަމިއްލަ ފޮޓޯނަގާަ މީހެއް ގޮވައިގެން އައި ކަމަށެވެ.

އިންސްޓަގުރާމު ސްޓޯރީގައި ދަތުރުގެ ކަންތައްތައް ހިއްސާ ކުރަމުން މޫދުގެ ފޮޓޯއެއް ޕޯސްޓުކޮށް ބުނެފައިވަނީ ރާއްޖެ އައީ ރާޅުޖަހާ އަޑު އަހާލުމުގެ ބޭނުމުގައި ކަމަށެވެ.

ހިއްސާ ކޮށްފައިވާ ފޮޓޯތަކުގައި ރާއްޖޭގެ ރީތިކަމާއި، މޫދުގެ ރީތިކަމާއި ހިތްގައިމުކަން ދަނީ ހާމަކުރަމުންނެވެ. މާމުނަގައު ރިސޯޓުގެ ހިތްގައިމު މަންޒަރުތައް ދަނީ ސަޕޯޓަރުންނާއި ހިއްސާ ކުރަމުންނެވެ.

ޕަރިނީތީގެ މި ދަތުރުގެ ބައިވެރިން ކަމުގައިވާ އޭނާގެ މަންމައާއި ބައްޕައާއި ބޭބެއާއި އެކު އުފާވެރި ޗުއްޓީއެއް ހޭދަކުރަމުންނެވެ. އަދި ދަތުރުގައި ބައިވެރި ނުވެވުނު ބޭބެ ދަނީ ޕަރިނީތީގެ އިންސްޓަގުރާމު ޕޯސްޓުތަކަށް ''ހާޓް'' ކޮމެންޓް ކުރަމުންނެވެ.

ޕަރިނީތީގެ ފިލުމީ މަސައްކަތަށް ބަލާއިރު މި އަހަރު ނެރެފައިވާ ފިލުމުތަކަކީ ''ސައިނާ''، ''ސަންދީޕް އޯރް ޕިންކީ ފަރާރް''، އަދި ''ގާރލް އޮން ދަ ޓްރެއިން'' އެވެ.