މީގެ މަހެއްހާ ދުވަސް ކުރިން މަޝްހޫރު ބަތަލު ސިދާތު ޝުކްލާ މަރުވި ޚަބަރު ވެގެން ދިޔައީ މުޅި ބޮލީވުޑް ސިއްސުވާލި ޚަބަރަކަށެވެ. ސިދާތަކީ ބޮލީވުޑްގެ އިތުރުން ޓީވީގެ ރަސްގެފާނުގެ ގޮތުގައި ގިނަ ބަޔަކަށް އެނގިފައިވާ ފަންނާނެކެވެ. ބިގްބޮސް ކާމިޔާބުކޮށް އެތައް ބައެއްގެ ހިތްތައް އަތުލި ސިދާތަކީ ހަމްޓީ ޝަރްމާކީ ދުލްހަނިޔާ ފަދަ ކާމިޔާބު ފިލްމުތަކުން ފެނިގެން ދިޔަ ފަންނާނެކެވެ. އަދި ފަހުގެ މަގްބޫލް ލަވަތަކުން ވެސް އޭނާ އައީ ފިޔަޖަހަމުންނެވެ.

މަސައްކަތުގައި އެންމެ އުހުގައި ރަސްކަން ކުރަމުން އައި ސިދާތު ކުއްލި ގޮތަކަށް ނިޔާވީ ހާޓް އެޓޭކެއް ޖެހިގެންނެވެ. އޭނާ އަކީ މީގެ ކުރިންވެސް ހިތުގެ މައްސަލަތަކެއް ތަހައްމަލްކުރަމުން އައި މީހެކެވެ. ސިދާތު އަކީ އެއްގޮތަށް ވުރެ ގިނަ ގޮތް ގޮތުން ޝައުގުވެރި މީހަކަށް ވާއިރު އޭނާގެ ލޯބީގެ ހަޔާތަކީ ވެސް އެހާމެ ޝައުގުވެރި ވާހަކަތަކެކެވެ. މި ފަހުން ފާޅުގައި އެއްވެސް މީހަކާ ސިދާތް ރައްޓެހިވެގެނެއް ނޫޅެއެވެ. ނަމަވެސް ބިގްބޮސްގެ ތަރި ޝެހެނާޒް ގިލް އާއި އޭނާ އާއި އޮތީ ޚާއްސަ ރަހުމަތްތެރިކަމެކެވެ.

ލަވަ އާއި އެޑް އަދި ޓީވީ ފެނިލުންތަކުން އެކުގައި ފެނިގެން ދިޔަ މި ޖޯޑަކީ އާއްމުން ބަލައިގަތް އަދި އެހާމެ ލޯބިވި ޖޯޑެކެވެ. ޝެހެނާޒްގެ ހިތުގައި ސިޑް އާ މެދު ޚާއްސަ ލޯތްބެއް އޮތްކަން އެއީ ބިގްބޮސްގެ ޝޯއިން ފެށިގެން އެނގޭ ކަމެކެވެ. އޭނާ ސިދާތުގެ ކަންކަން ބަލަހައްޓާ އޭނާ އަށް އަޅާލާކަން ފޭނުންނަށް ފާހަގަވެއެވެ. އަދި ރައްޓެހިވެގެން އުޅުނު ކަމަށް އެ ދެ ތަރިން ހާމަ ނުކުރި ނަމަވެސް ދެމީހުންގެ ދެމެދުގައި އޮތީ ގާތް ގުޅުމެއް ކަމަށް ފޭނުންވެސް ގަބޫލުކުރެއެވެ.

ޝެހެނާޒް އަށް ސިދާތުގެ މަރުގެ ސަބަބުން ވަރަށް ބޮޑަށް އަސަރު ކުރިއެވެ. މީޑިއާ ރިޕޯތްތައް ބުނާ ގޮތުން ސިދާތުގެ މަންމަ އަށް ވުރެ ބޮޑަށް ސިދާތުގެ މަރަށް ފަހު ހާލު ދެރަވީ ޝެހެނާޒްގެއެވެ. އޭނާ އަށް އަމިއްލަ އަށް ތެދުވެ ނޫޅެވޭ ވަރަށް ނަފްސާނީ ގޮތުން ބަލިކަށިވީ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ކާއެއްޗެއް ކާން ވެސް އޭނާ އަށް އުނދަނގޫވީކަމަށް ވެއެވެ.

މި ދަނޑިވަޅަކީ ޝެހެނާޒްގެ އިތުރު މަސައްކަތްތަކެއް ތާވަލްކުރެވިފައިވާ ދަނޑިވަޅެކެވެ. އޮކްޓޯބަރު ހަތެއްގައި އޭނާގެ ޝޫޓުންތައް ފަށަން ތާވަލް ކުރި ނަމަވެސް އެ ތާވަލަށް ބަދަލު ގެންނަން ޕްރޮޑަކްޝަން ޓީމްތަކަށް މަޖުބޫރިވިއެވެ. އެއް މަސް ދުވަހަށް ފަހު މިހާރު ޝެހެނާޒް ވަނީ މަސައްކަތަށް ރުޖޫއަވާން ނިންމާފައެވެ. އެއާއެކު ފޭނުން ވަނީ އޭނާ އަށް ހިތްވަރުދީ ތަފާތު މެސެޖުތައް ހިއްސާކުރަން ފަށާފައެވެ. އެގޮތުން ޝެހެނާޒް އޭނާގެ ދިރިއުޅުން މަޑުޖައްސާލާ ހުރިހާ ކަމެއް ދޫކޮށް އުދާސްވާން ސިދާތުވެސް ނޭދޭނެ ކަމަށް ފޭނުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު