ލާރާ ދަތާ އަކީ ބޮލީވުޑްގައި އެއް ޒަމާނެއްގައި އެންމެ މަޝްހޫރު އެއް ނަމެވެ. މިސް ޔުނިވާސްގެ މަގާމް ހާސިލްކޮށްފައިވާ މި ރީތީގެ ރާނީ އަކީ ރީތިކަމަށް މަޝްހޫރު ފަންނާނެކެވެ. އެތައް ގޮތަކުން އޭނާ ދައްކައި ދިން މޮޅު ހުނަރާއި ފަންނުވެރިކަމާއެކު އޭނާ އަކީ މިއަދުވެސް މުޅި ބޮލީވުޑް އިހުތިރާމް ކުރާ ލޯބިވާ ފަންނާނެކެވެ. ލާރާއަކީ އަބަދުވެސް ތަފާތު ކަންކަން ކުރަން ބޭނުންވާ މީހެކެވެ.

އާއްމުކޮށް ބަތަލާގެ ރޯލުން ފެންނަ މީހުން ނުބައި ރޯލުތަކުން ނުފެނުނު ނަމަވެސް ލާރާ ޑޮންގައި ނުބައި ބައި ކުޅެ ގިނަ ބައެއްގެ މަގުބޫލު ކަން ހޯދިއެވެ. އަދި އޭނާ އަކީ އެވޯޑު ޝޯތަކަށް ދިއުމާއި ފިލްމީ ތަރިންގެ ބޮޑެތި ހަފްލާތަކަށް ދިއުން ފަދަ ކަންކަމަށް ވެސް މާބޮޑު ސަމާލުކަމެއް ދޭ ފަންނާނެއް ނޫނެވެ. އޭނާ އަބަދުވެސް ކުރަނީ އާއްމުންނާއި އޭނާގެ ޝައުގުވެރިކަން ހުންނަ ކަންކަމެވެ.

ދާދިފަހުން ނުކުތް ހިންދީ ތްރިލާ ފިލްމް ބެލް ބޮޓޮމްގައި ލާރާ އުޅޭކަން ވެސް ގިނަ ބަޔަކަށް އެނގުނީ އޭނާ މީޑިއާ އަށް ދިން އިންޓަވިއުތަކަށް ފަހުގައެވެ. ލާރާ އިންޑިއާ ކަރަންޓްސް އަށް ބުނީ އޭނާ އަށް އިންދިރާ ގާނދީގެ ރޯލު ކުޅެން ލިބުމަކީ ލިބުނު ފަޚުރެއް ކަމަށެވެ. ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ކުޅެފައިވާ މި ފިލްމަކީ އަސީމް އަރޮރާ އަދި ޕަރްވީޒް ޝޭހްގެ ސްކްރިޕްޓަކަށް ތައްޔާރުކުރި ފިލްމެވެ.

ރަންޖީތު އެމް ތިވާރީ ޑައިރެކްޓްކުރި މި ފިލްމްގެ އެންމެ ބޮޑު ސަމާލުކަމެއް ހޯދީ ލާރާއެވެ. އޭނާގެ ބޮލުގައި އަޅާފައިވާ ތަފާތު ވިގްއާ ކޮށްފައިވާ މޭކަޕްގެ ސަބަބުން އެއީ ލާރާކަން ދެނެގަންނަންވެސް ދަތިކަން ފާހަގަކޮށްލެވެއެވެ. ދިހަ ވަރަކަށް ގަޑިއިރު ލާރާގެ މި ފެނިލުމަށްޓަކާ އޭނާ ކޮންމެ ދުވަހަކުވެސް މޭކަޕްކުރަން ޖެހުނެވެ. މި ޝޫޓިން ވެގެން ދިޔައީ އޭނާ އާއި މޭކަޕް ޓީމަށް ވެސް ޚާއްސަ ޝޫޓިންއަކަށެވެ. އަދި މި ރޯލަށް މޫޑު ރަނގަޅުކޮށް ބަހައްޓަން އޭނާ ކަސްރަތުކޮށް ބައިސްކަލް ދުއްވިކަމަށް ވެސް ލާރާ ބުނެއެވެ.

ފިލްމުގައި އިންދިރާ ގާނދީގެ ރޯލުން ލާރާ ފެންނަނީ ވަރަށް މުސްކުޅިކޮށެވެ. އެއީ ލާރާހެން ބަލާލާފައި އެއްވެސް ވަރަކަށް ހީނުވެއެވެ. ފިލްމް ބެލި އެންމެންހެން ލާރާގެ ވާހަކަ ދެއްކި އިރު މިއީ ލާރާގެ ކެރިއާގެ އެންމެ އާދަޔާއި ޚިލާފު ފެނިލުމޭ ބުނެވިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު