އިންޑިޔާގެ ކުޅަދާނަ ލަވަކިޔުންތެރިޔާ ޝާން އާ ފިލްމެއް ނެރެން ތައްޔާރުވެއްޖެއެވެ.

ޔާމިނީ ފިލްމްސްއިން ޕްރޮޑިއުސްކޮށް ޕާޕާ ރާއޯ ބިޔާލާ ލިޔެ ޑައިރެކްޓްކުރާ މި ފިލްމަށް ކިޔަނީ ”މިއުޒިކް ސްކޫލް“ އެވެ. މިއީ 2014 ވަނަ އަހަރު ނެރުނު ”ބަލްވިންދަރް ސިންގ ފޭމަސް ހޯ ގަޔާ“ އަށްފަހު ޝާން ބޮޑު ރޯލަކުން ފެނިގެންދާ ފުރަތަމަ ފިލްމުކަން ފާހަގަ ކުރެވެއެވެ.

މި ފިލްމުގައި ޝާންގެ އިތުރުން ފެނިގެންދާ ތަރިންގެ ތެރޭގައި ޝަރްމަން ޖޯޝީ، ގްރޭސީ ގޯސްވާމީ، ސުހާސިނީ މުލާއީ، ބެންޖާމިން ގިލާނީ، ޕްރަކާޝް ރާޖް، ބްރާމަނަންދަމްއާއި ޝްރިޔާ ސަރަން ހިމެނެއެވެ.

ކުޅަދާނަ އެތަކެއް ލަވައެއް ކިޔާފައިވާ ޝާން ފެނިގެންދާ މި ފިލްމުގެ ސްކްރިޕްޓް އަކީވެސް ރީތި ސްކްރިޕްޓް އަކަށް ވެގެންދާނެ ކަމަށް ގިނަބަޔަކު ބުނެއެވެ. މި ފިލްމުގައި ފެނިގެންދާނީ ތައުލީމުގެ ތެރެއިން ކުޅިވަރާއި އާޓްގެ ދާއިރާއަށް މީހުން ބިނާކުރުމަށް ހިތްވަރު ދިނުމުގެ ގޮތްތަކެވެ. އެއީ އެ ދާއިރާތަކަށް ގިނަ ބެލެނިވެރިން އެއްވެސްގޮތަކަށް ބާރުނާޅާތީއެވެ.

މި ފިލްމުގައި ޝާން ފެނިގެންދާނީ ފިލްމުގެ މައިގަނޑު އަންހެން ކެރެކްޓާގެ ކުރީގެ ލޯބިވެރިޔާގެ ރޯލުންނެވެ. ޝާންގެ އެކްޓިން އާއި ލަވަކިޔުމުގެ ހުނަރަށް ފިލްމު އުފައްދާ ފަރާތުން ބޮޑު ޝައުގުވެރިކަމެއް އޮތުމުން އޭނާ އަށް ފިލްމުގެ ރޯލެއް ކުޅެން ފުރުސަތު ދިނެވެ.

12 ލަވަ ހިމެނޭ މި ފިލްމުގެ ލަވަތައް ލިޔެފައި ވަނީ އިންޑިޔާގެ ކުޅަދާނަ ލަވަކިޔުންތެރިޔާ އިލައިޔާރާޖާ، މަޝްހޫރު ނަމުންނަމަ މައެސްޓްރޯ އެވެ.

ޝާން އަކީ މިހާރު ލަވަ ދަސްކޮށްދިނުމުގައިވެސް ފާހަގަ ކޮށްލެވޭ އެއް ފަރާތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސީ

    އެއްމެ ފިލްމެއްގައި 12 ލަވަ. އޯއެމްޖީ