ދިވެހިންގެ މަޤްބޫލުކަން ހޯދި އެތަށް ފިލްމެއް ސްކްރީންތަކަށް ދޫކޮށްލި، ޑާކްރެއިން އެންޓަޓައިންމަންޓުން ތައްޔާރު ކުރި ތްރިލާ ފިލްމު، "ގޮށްރާޅު" މިއަހަރުގެ ނޮވެމްބަރ މަހުގެ ފަސްވަނަ ދުވަހު ރިލީޒްކުރަން ނިންމާފައިވާ ކަމަށް ފިލްމުގެ ޕްރޮޑިއުސަރ ވިދާޅުވެއްޖެއެވެ.

މި ފިލްމުގެ އެއް ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ރާއްޖޭގެ ބައެއް މީޑިއާތަކަށް ވިދާޅުވެފައިވަނީ، މި ފިލްމު މި އަހަރުގެ ނޮވެމްބަރު މަހުގެ ފަސްވަނަ ދުވަހު ރިލީޒް ކުރަން ނިންމާފައިވާ ކަމަށެވެ. މި ފިލްމު ޕްރޮޑިއުސް ކޮށްފައި މޮގާ އާއި އާއިޝަތު ފުވާދު ތައުފީޤެވެ.

ޑާކްރެއިން އެންޓަޓައިންމަންޓުން މިއަހަރު ނެރޭ ދެވަނަ ފިލްމު ކަމަށްވާ "ގޮށްރާޅު" އަކީ ކާމިޔާބު ފިލްމުތަކެއް ކަމަށްވާ "ލޫދިފާ" އަދި "ހެޕީ ބާތްޑޭ" ގެ ސްކްރީންޕްލޭ ތައްޔާރު ކޮށްދިން މޫމިން ފުއާދުގެ ވާހަކައަކަށް ޢަހުމަދު ޝިނާން ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމަކީ ސިނާންގެ ފުރަތަމަ އަމިއްލަ ޑައިރެކްޝަންކަން ފާހަގަކޮށްލެވެއެވެ.

މި ފިލްމުގެ ޝޫޓިން ނިމި، ބާރު ދުވެލީގައި މިހާރު ކުރިއަށް ދަނީ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްތައް ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފައިވާއިރު، މި ފިލްމުގެ ޓީޒާ އިން ފެނިގެން ގޮސްފައިވަނީ ފިލްމުގެ ލީޑުން ފެނިގެންދާ ތަރި ޖުމައްޔިލް ނިމާލް (ޖުމަލް) ގެ ނޭފަތުން ލޭ އޮހެރޭ މަންޒަރެވެ.

ފިލްމުގެ އެއް ލީޑް ރޯލުން ފެނިގެންދާ ޖުމައްޔިލްގެ އިތުރުން މި ފިލްމުން ދެން ފެނިގެންދާނީ މިދާއިރާއަށް އަލަށް ތަޢާރަފްވާ ހަސަން އިރުފާން (ޒަކިއްޓެ)، އަދި ޢައިޝަތު ތަސްނީމާއެވެ. މީގެ އިތުރުން ޢަބްދުﷲ އަޒާން، ހަމްދާން ފާރޫޤް، އިސްމާއިލް ރަޝީދު އަދި އައިމިނަތު ރަޝްފާ، ނުޒުހަތު ޝުޢައިބު (ނުޒޫ)، ނާޝިތު މުޙައްމަދުގެ އިތުރުން މަރިޔަމް ޝަކީލާވެސް މި ފިލްމުން ފެނިގެންދާނެއެވެ.

ގިނަ ދިބެހި ފިލްމުތަކެއްގެ މަސައްކަތް ކުރިއަށްދާ މިއަހަރުގެ ތެރޭގައި މި ފިލްމުގެ އިތުރުންވެސް އެހެން ފިލްމުތަކެއް ފެނިގެންދާނެ ކަމަށް ދިވެހި ފިލްމު ބެލުންތެރިން އުއްމީދު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު