ތައިލެންޑްގެ މީހުން ދިރިއުޅޭ އެޕާޓްމަންޓަކަށް ކުލަލުމަށް ވާގަނޑު ބޭނުންކޮށްގެން އެރި ބައެއްގެ "ސަޕޯޓު ވާގަނޑު" ކަނޑާލި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ދެ މީހަކު އިމާރާތުގައި ކުލަލަނިކޮށް ވާގަނޑު ބުރިކޮށްލީ އެ އިމާރާތުގައި ދިރިއުޅެމުން އައި އަންހެނެކެވެ. އޭނާ ރުޅި އައި ސަބަބަކީ ކުރިން އެންގުމަކާ ނުލައި ކުލަލުމުގެ މަސައްކަތް ފަށާފައި ނުވާތީ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަންހެން މީހާގެ މި އަމަލާ ގުޅިގެން އެމީހާގެ މައްޗަށް ދައުވާ ކުރަން ނިންމާފައި ވަނީ މީހަކު މަރާލަން އުޅުމުގެ ދައުވާއެވެ.

މަސައްކަތުގައި އުޅުނު ދެ މީހުންގެ ވާގަނޑު ބުރިކޮށްލާފައި ވަނީ 100 އަށް ވުރެ ފޫޓު މަތީގައި ތިއްބައެވެ. އުމުރުން 34 އަހަރުގެ އަންހެން މީހާ މިކަން ކުރީ އެއްވެސް އިންޒާރަކާ ނުލައި އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާގެ މަންޒަރު ދައްކުވައިދޭ ސީސީޓީވީ ފޫޓޭޖް މީސް މީޑީއާގައި ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ. އަންހެން މީހާ ވާގަނޑު ކަނޑާލުމާ ގުޅިގެން ދެ ފިރިހެނުން ވަނީ އެހީއަށް އެދި ހަޅޭއް ވެސް ލަވައިފައެވެ. އަދި ކުޑަ ދޮރުތައް ހުޅުވައި އެމީހުން ވެއްދުމަށް ގޮވަމުން ދިޔައެވެ.

އެމީހުން ބޭނުން ކުރި އެއް ވާގަނޑު ކަނޑާލިޔަސް، އެމީހުން ވެއްޓިފައި ނުވަނީ އަނެއް ވާގަނޑުގެ އެހީގައި އެލިގަނެގެން އޮތީމައެވެ. އެމީހުން ފަހުން ވަނީ އިމާރާތުގެ ތެރެއަށް ވަދެފައެވެ.

މި މައްސަލައިގައި އަންހެން މީހާ ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާނެއެވެ. ފުލުހުން ބުނާ ގޮތުގައި ކަނޑާލި ވާގަނޑުގައި އަންހެން މީހާގެ ފިންގަ ޕްރިންޓް ވަނީ ފެނިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު