ނަރުހަކު ކުއްޖަކަށް އަނިޔާކުރާ ވީޑިޔޯ މީސްމީޑިޔާގައި އާންމުވުމާއިއެކު އެންމެން ރަތަށް އަރައިފި އެވެ.

އާއްމުވެފައިވަނީ މެކްސިކޯގެ އާންމު ހޮސްޕިޓަލެއްގެ ނަރުހަކު 10 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިޔޯއެކެވެ.

ވީޑިޔޯއިން ފެންނަ ގޮތުގައި ނަރުސް މީހާ ވަނީ ކުޑަ ކުއްޖާގެ ގާތު އެނދުގައި އިނުމަށާއި އެއްވެސް ތަނަކަށް ނުދިޔުމަށް ވަރަށް ހަރުކަށިކޮށް ބުނެފައެވެ. އެގޮތުން އަންހެން ކުއްޖާ ބިރުގަނެ ވަނީ ރޯން ފަށާފައި އެވެ. އަދި މަންމަ ގާތަށް ދިޔުމަށް ރޮމުން އާދޭސް ކުރަމުންދިޔައެވެ.

އެއާއެކު ނަރުސް މީހާ ކުއްޖާގެ ބޮލުގައި ހިފައި އިހާނެތިގޮތަކަށް އަނިޔާކުރަން ފެށިއެވެ. އަދި އެތަނަށް ސެކިއުރިޓީގެ މީހެއް އައިސް އެ ކުއްޖާ އެނދުގައި ބާއްވައިދިނުމަށް އެ އަންހެންމީހާ އަށް އެހީވެދިނެވެ.

އެވަގުތު ކުޑަ އަންހެން ކުއްޖާ ވަނީ ދެމީހުންގެ ވާހަކަ އާއިލާ މީހުންނަށް އަންގާނެ ކަމަށާއި ފުލުހަށް ގެންދާނެ ކަމަށް ބުނެފައެވެ.

ސިއްރުން ނަގާފައިވާ އެ ވީޑިޔޯ އާންމުވުމާއި އެކު ގިނަ ބަޔަކު ނުރުހުން ފާޅުކޮށް ހޮސްޕިޓަލަށް ގިނަ ފާޑު ކިޔުންތަކެއް އަމާޒުވުމުން ހޮސްޕިޓަލުން ވަނީ އެމީހުންގެ ޓްވިޓާގައި އެ ނަރުސް ހޮސްޕިޓަލުން ވަކި ކޮށްފައިވާ ކަމަށް ބުނެފައެވެ.

އަދި ކުއްޖާގެ އާއިލާއިން ވަނީ ފުލުހަށް މި މައްސަލަ މިހާރު ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު