ގޭމު ކުޅުމަކީ ދުނިޔޭގެ އެކި ސަރަޙައްދުތަކުގެ އެކި އުމުރުގެ މީހުންގެ މެދުގައިވެސް ވަރަށް އާއްމު ކަމެކެވެ. ފޯނުންނާއި ޓެބްލެޓުން ނުވަތަ ޕީސީ އިންނާއި ޕްލޭ ސްޓޭޝަނުން ގޭމު ކުޅުމަކީ، އެތައް ބަޔަކު ދެވި ހިފާފައިވާ ކަމެކޭ ބުނުމަކީވެސް ދޮގަކަށް ނުވާނެއެވެ. މިކަމުގެ ސަބަބުން، މިފަދަ ގޭމުތައް އުފެއްދުން ވެފައިވަނީ ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިއަކަށްވެސްމެއެވެ.

މިކަމުން ލިބޭ އާމްދަނީ ރަނގަޅުވުމުންނާއި، މިފަދަ ގޭމުތައް އުފައްދާ ޑިޒައިން ކުރުމަކީ ގިނަ އަދަދެއްގެ ޒުވާނުން ޝައުގުވެރިވާ ކަމެއްކަމަށްވުމުން، އދ.ގެ ތައުލީމާއި ސައިންސާއި ސަޤާފަތާ ބެހޭ ޖަމިއްޔާ، ޔުނެސްކޯ އިން ވެސް ވަނީ ގޭމަށް ޚާއްޞަ ޔުނިވަރިސިޓީ އެއް ބިނާކުރުމަށް ނިންމާފައެވެ.

ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުންނާއި އެނޫންވެސް ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި މި ޔުނިވަރސިޓީ ހުޅުވުމަށް ނިންމާފައިވަނީ އަވަށްޓެރި އިންޑިޔާގެ އަންދްރަ ޕްރަދޭޝް ގައެވެ. މި މަސައްކަތަކީ، ޔުނެސްކޯ އާއި އެސަރަޙައްދުގެ އިޤުތިޞާދީ ކަންތައްތަކާ ބެހޭ ކޮމިޓީ ގުޅިގެން ކުރާ މަސައްކަތެކެވެ.

ޔުނިވަރސިޓީ ބިނާކޮށް، އެތަނުން ޚިދުމަތް ދިނުމުގެ ގިނަ ކަންތައްތައް، ޔުނެސްކޯގެ ފަރާތުންން ކުރުމަށް ނިންމާފައިވާއިރު، އެ ޖަމާއަތުން، އަންދަރް ޕްރަދޭޝްގެ ސަރުކާރުގައި އެދިފައިވަނީ ހަމައެކަނި ބިމެއް ހަމަޖައްސައިދިނުމަށެވެ. އެކަންކަން މިހާރު ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ގޭމިންގ ޔުނިވަރސިޓީގެ ސަބަބުން އަންދްރަ ޕްރަދޭޝްގެ އިޤުތިޞާދު ރަނގަޅުވެ، ތަރައްޤީވަމުން އަންނަ އެ ސްޓޭޓު، އިތުރަށް ތަރައްޤީވެ، ތަރައްޤީގެ ރޭހުގައި ކުރިއަށް ދިއުމަށް ބާރަކަށް ވެގެންދާނެކަމަށް ބުނެފައިވެއެވެ. ހަމައެހެންމެ، އެކަން ވެގެންދާނީ ގޭމާއި ޓެކްނޮލޮޖީގެ ދާއިރާގައި ހަރަކާތްތެރިވާ ދުނިޔޭގެ ބޮޑެތި ކުންފުނިތަކަށް، ފަސޭހަކަމާއެކު އިންސާނީ ވަސީލަތް ލިބިގެންދާނެ ކަމަކަށް ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު