އިނގިރޭސި ވިލާތުގެ ރައްޔިތެއް ކަމުގައިވާ އުމުރުން 32 އަހަރުގެ ރިޔާން ކްލާކް 15 އަހަރު ހޮސްޕިޓަލުގައި ހޭދަ ކުރުމަށް ފަހު އެނބުރި ގެއަށް އަތުވެއްޖެއެވެ.

ރިޔާންއަކީ އޯޓިޒަމް ކުއްޖެކެވެ. 2006 ވަނަ އަހަރު ރިޔާން ހޮސްޕިޓަލުގައި އެނދުމަތި ކުރެވުނީ އޭނާގެ އަމިއްލަ ހަށިގަނޑަށް ގެއްލުން ދޭން އުޅުމުންނެވެ.

އެންމެ ފުރަތަމަ ރިޔާން ހޮސްޕިޓަލުގައި އެނދުމަތި ކުރެވުނީ ސިކުނޑީގެ މައްސަލައެއް ކަމުގައިވާ ސިކްޓްސުފުރީނިއަގެ ސަބަބުންނެވެ. ނަމަވެސް އެތައް ޓެސްޓްތަކެއް ކުރުމަށް ފަހު ރިޔާންގެ އުމުރުން 28 އަހަރުގައި ވަނީ އޭނާއަކީ އޯޓިޒަމް ކުއްޖެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

މި އަހަރުގެ ނޮވެމްބަރު މަހާއި ހަމައަށް ރިޔާން ހުރީ ފޮރެންސިކް ސައިކޭޓްރީ ޔުނިޓެއްގައެވެ. މިއީ އަމިއްލަ ހަށިގަނޑަށް އަނިޔާ ދޭ ފަދަ ކަންތައްތައް ކުރާ މީހުންނަށް ވެސް ތެރަޕީ ދޭ ތަނެކެވެ.

ރިޔާންގެ މަންމަ ޝަރޫން ބުނެފައިވަނީ 15 އަހަރަށް ފަހު ގެއަށް ދެވޭތީ ރިޔާން ހުރީ ވަރަށް އުފަލުން ކަމަށެވެ. އަދި މިހާރު އޭނާގެ ހާލަތު ރަނގަޅު ކަމަށް ވެސް ޝަރޫން ބުނެފައިވެއެވެ.

ރިޔާންއާއި ބެހޭގޮތުން ރިޔާންގެ މަންމަ އިތުރަށް ބުނެފައިވަނީ ރިޔާންގެ ހާަލަތު މިހާރު ރަނގަޅު ކަމަށާއި އަމިއްލަ ނަފުސަށް ގެއްލުން ދޭން ނޫޅޭ ކަމަށާއި އަމިއްލައަށް އޭނާގެ ހުރިހާ ކަމެއް ވެސް ކުރަން ދަސްވެފައިވާ ކަމަށެވެ.

އޯޓިޒަމްއަކީ އުމުރު ދުވަހަށް ވެސް ދެމިހުންނާނެ ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން ރިޔާންއަށް އުދަނގޫ އެތައް ދުވަހެއް އަންނާނެ ކަމަށާއި ނަމަވެސް އެ އުދަނގޫތައް ދުވަހެއް ދުވަހަކަށް ވުރެ މަދުވަމުން ދާނެ ކަމަށް ވެސް ޝަރޫން ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު