މުސަޅަކީ ވަރަށް ލޯބި އެއްޗެއްކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ. އެއްބަޔަކަށް މުސަޅު ވަރަށް އޮޅެވެ. އަދި އެއީ އޮޅުކޮށްގެން ގެންގުޅެން ގިނަބަޔަކަށް ކަމުދާ ޖަނަވާރެކެވެ. އަދި ގިނަބަޔަކު ވަރަށް ލޯބިވާ ޖަނަވާރެއްވެސް މެއެވެ.

އެކަމަކު އިނގިރޭސިވިލާތުގެ އަންހެނަކަށް މި ވަނީ އޭނާ ގެންގުޅޭ މުސަޅުގެ ސަބަބުން ބޮޑު ގެއްލުމެއް ވެފައެވެ. ދަ މިރަރ ނޫހުން ރިޕޯޓްކުރާ ގޮތުގައި އޭނާ އޮޅުކޮށްގެން ގެންގުޅޭ މުސަޅު ވަނީ 2000 ޕައުންޑް (41,452.32 ރުފިޔާ) އަށް ވުރެ އަގުބޮޑު ޑިޒައިނަރ މުދާ ހަލާކު ކޮށްލާފައެވެ.

އިންގްލެންޑްގެ ޑަރބީއަށް ނިސްބަތްވާ ސާރާ ހޮލިންގް ބުނީ، އޭނާ "ބިންކްސް" ނަމުން ނަން ދީފައިވާ މުސަޅެއް ގެންގުޅޭ ކަމަށެވެ. އެ ފިރިހެން މުސަޅަށް އަދި ވާނީ ހަ މަސް ކަމަށްވެސް ބުންޏެވެ. އޭނާ ބުނީ މުސަޅުގެ އެ އުޅުމުގެ ސަބަބުން އޭނާ ހޭންވީ ކަމެއް ނުވަތަ ރޯންވީކަމެއް ވެސް ބުނެދޭން ނޭނގޭ ކަމަށެވެ.

އެ މުސަޅު ދަތް އެޅި އަގު ބޮޑު މުދާތަކުގެ ތެރޭގައި ކަރޓް ގެއިގަރ ޓްރެއިނަރސް، އެލެގްޒެންޑަރ މެކްކުއީން ބޫޓާއި، ލުއިސް ވުޓޯން އަދް ދަބަސް ފަދަ ތަކެތި ހިމެނެއެވެ.

މި ތަކެތީގެ ޖުމްލަ އަގު ގާތްގަނޑަކަށް 41،000 އަށްވުރެ ގިނަ ދިވެހި ރުފިޔާ އަށް އަރަ އެވެ.

ކެބިން ކްރޫއެއްގެ ގޮތުގައި މަސައްކަތް ކުރާ ސަރާ ބުނީ، އޭނާ ބައެއް ފަހަރު ހަނދާން ނެތިގެން މުސަޅު ކޮއްޓަށް ނުލާ ބަހައްޓާ ކަމަށާއި، އޭނާ މަސައްކަތުން އަނބުރާ އަންނައިރު މުސަޅު ހުންނަނީ އެ އެއްޗެހި ހަލާކުކޮށްފައި ކަމަށެވެ.

"އެ މުސަޅު ވަރަށް ކުޑަ އަދި ވަރަށް ރީތި، އެކަމަކު ހާދަ ކަންތައް ބޮޑޭ، އޭނާ ހުރިހާ އެއްޗެއްގައި ދަތް އަޅާނެ، ފޭރާމާއި ޓްރެއިނަރާއި، އެ މުސަޅަށް ދަތް އެޅެން ހުރި ކޮންމެ އެއްޗެއް ވެސް، އެބަހުރި ދަތް އަޅާފައި".

އަދި އެ މުސަޅުގެ އުނދަގުލުގެ ސަބަބުން މިހާރު ހުރިހާ އެއްޗެއް ފޮރުވައިގެންނާއި ތަޅުލައިގެން ގެންގުޅޭ ކަމަށް އޭނާ ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު