ވެކްސިން ޖެހި ކަމުގެ ސެޓްފިކެޓް ހޯދުމުގެ ބޭނުމުގައި އަސްލު ނޫން އަތަކަށް މީހަކު ވެކްސިން ޖެހި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ވެކްސިން ޖެހުމަށް ދެކޮޅު ހަދަމުން އައި އުމުރުން 50 އަހަރުގެ އިޓަލީ އެމީހާ އޮޅުވާލަން މަސައްކަތް ކުރި ކަން ވަނީ ފަޅާ އަރައިފައެވެ. އެމީހާގެ މައްސަލަ ފުލުހުން ވެސް ބަލަމުންދާ ކަމަށް އޮފިޝަލުންނާ ހަވާލަދީ މީޑިއާތަކުން ވަނީ ބުނެފައެވެ.

މި މީހާ ވެކްސިން ޖަހަން އައީ އޭނާގެ އަސްލު އަތް ސިލިކޯން މޮލްއަކުން ނިވާކޮށްގެންނެވެ. އެކަން ނަރުހުންނަށް ނޭނގޭނެ ކަމަށް ހީކުރެވިފައި ވަނިކޮށް ސިލިކޯން އާދަޔާހިލާފަށް އަތް ފިނިވުމުން ނަރުހުންނަށް ވަގުތުން ޝައްކުވިއެވެ.

ނަރުސް ކުއްޖާ ލޯކަލް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، ވެކްސިން ޖަހަންއައި މީހާގެ ހެދުމުގެ އަތް އޮޅާލުމަށްފަހު، ހަންގަނޑު ރަބަރު ގޮތަކަށް ވެފައި ފިނި ކަމަށް ފާހަގަވި ކަމަށެވެ.

ލަ ރެޕަބްލިކާ ނޫހުން ރިޕޯޓްކުރާ ގޮތުގައި، އެ މީހާ ފެނުމާއެކު، ނަރުސް ކުއްޖާ އޮޅުވާލުމަށް މަސައްކަތް ކުރިއެވެ. އެކަމަކު އޭގެ ބަދަލުގައި މަކަރާއި ހީލަތް ހެދުމުގެ ކުށުގައި އޭނާގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރިއެވެ.

އިޓަލީގެ ހުޅަނގު އުތުރުގައި އޮންނަ ބިއެލާގައި ހިނގި މި ހާދިސާ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނައިރު، އެ ގައުމުގެ އޮފިޝަލުން ވަނީ އެ މީހާގެ އަމަލުތަކަށް ފާޑުކިޔާފައެވެ.

ވެކްސިން ޖަހައިގެން ތިބިތޯ ފާސްކުރުމުގެ ގަވާއިދުތަކުގެ ސަބަބުން އިޓަލީގެ ބައެއް ސިޓީތަކުގައި ފާއިތުވި ހަފްތާތަކުގައި ވަނީ މުޒާހަރާކޮށްފައެވެ. އިޓަލީވިލާތުގެ %73 މީހުންނަށް ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ދެނީ ފަރަންސޭސިވިލާތަށް ވުރެ މަތީގައެވެ.

ކިޔުންތެރިންގެ ހިޔާލު