ބޮލީވުޑުގެ އެކްޓަރު އަރުޖުން ކަޕޫރާއި ބަތަލާ މަލައިކާ އަރޯރާ ރާއްޖޭގެ އަގު ބޮޑު ރިސޯޓެއްގައި ޗުއްޓީ ހޭދަ ކުރަން ފަށައިފިއެވެ.

އަރުޖުން ކަޕޫރުގެ އިންސްޓަގުރާމު ސްޓޯރީގައި އޭނާ ބުނެފައިވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދަނީ ޕަޓީނާ މޯލްޑިވްސް، ފަރި އައިލެންޑުގައި ކަމަށެެވެ.

އަރުޖުން އާއި މަލައިކާ ސްޓަގުރާމު ސްޓޯރީގައި ވަނީ މި ދަތުރުގެ އެތައް ފޮޓޯތައް ހިއްސާ ކޮށްފައެވެ. ރިސޯޓުގެ ހިތްގައިމު މަގުތަކުގައި މަލައިކާ ބައިސްކަލު ދުއްވާ ވީޑީއޯގެ އިތުރުން އަރުޖުންގެ ހެނދުނުގެ ނާސްތާ އަދި މޫދުގެ ކަސްރަތުތައް ކުރުމުގެ ފޮޓޯތައް ވެސް ހިއްސާ ކޮށްފައިވެއެވެ.

ރިސޯޓުގެ ވެބްސައިޓުގައިވާ ގޮތުން އެތަނުގެ އެންމެ އަގުހެޔޮކޮށް އެއް ރެޔަށް ލިބެންހުރި އެއްރޫމުގެ ތަނެއްގެ އަގަކީ ވެސް 2530 ޑޮލަރެވެ. މިއީ ގާތްގަނޑަކަށް 39،000 ރުފިޔާއެވެ. މި ރޫމާއި އެކު ވަކި ގާޑަންއަކާއި، ޕޫލްއަކާއި އަދި އައުޓް ޑޯ ޓަބެއް ހުރެއެވެ.

އަދި އެންމެ އަގުބޮޑުކޮށް އެއް ރެޔަށް ވިލާއެއް ލިބެން ހުންނަ އަގަކީ 4762 ޑޮލަރެވެ. މިއީ ގާތްގަނޑަކަށް 73،000 ދިވެހި ރުފިޔާއެވެ.

އަރުޖުންވަނީ އެމީހުން ތިބޭ ވިލާ އިސްޓަގުރާމު ސްޓޯރީގައި ހިއްސާ ކޮށްފައެވެ. ނަމަވެސް ސީދާ އެއީ ކޮން ކެޓަގަރީއެއްގެ ރޫމެއްކަން ނޭނގެއެވެ.

މަލައިކާއާއި އަރުޖުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަހަރުތަކެއް ވެއްޖެއެވެ. މިހާރު މި ދެ ލޯބިވެރިންގެ ކައިވެނީގެ ވާހަކަތައް ވެސް މީޑިއާގައި ދަނީ ދެކެވެމުންނެވެ. ނަމަވެސް އަރުޖުން ނުވަތަ މަލައިކާ މިކަން ޔަގީން ކޮށްދީފައެއް ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު