ބޮލީވުޑުގެ ވާހަކަތަކުގެ ތެރެއިން މިހާރު އެންމެ ގަދައަށް ދެކެވެމުންދާ އެއް ވާހަކައަކީ ކެޓްރީނާ ކެއިފްއާއި ވިކީ ކޯޝަލްގެ ކައިވެނީގެ ވާހަކައެވެ.

ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުން 9 ދުވަހަށް ހާއްސަ ކުރެވިފައިވާ މި ކައިވެނީގެ ސެކިޔުރިޓީ ބެލެހެއްޓުމަށް ހަމަޖެހިފައިވަނީ ސަލްމާންގެ ހަށިފާރަވެރިޔާގެ ސެކިޔުރިޓީ ޓީމު ކަމުގައިވާ ''ޓައިގަރ ސެކިޔުރިޓީ ސަރވިސް'' އިން ކަމަށް އެންމެ ފަހުގެ ރިޕޯޓްތައް މިހާރު ވަނީ ބުނަން ފަށަައިފައެވެ.

ގުރްމީތު ސިންގް ޖޯލީ ނުވަތަ އާއްމު ނަމުން ނަމަ ޝޭރާއަކީ ސަލްމާންގެ ހަށިފާރަވެރިއެއްގެ ގޮތުގައި 25 އަހަރު މަސައްކަތް ކޮށްފައިވާ މީހެކެވެ.

ސަލްމާން ޚާނާއި ކެތުރީނާގެ ކުރީގެ ކުޅުމުގެ ސަބަބުން، މި ހަފުލާގައި ސަލްމާންގެ ހަށިފާރަވެރިޔާ ސެކިޔުރިޓީ ބަލަހައްޓާ ވާހަކަވެގެން ދިޔައީ ގިނަ ބަޔަކު އެކަމާއި ބެހޭގޮތުން ވާހަކަދެކެވުނު ކަމަކަށެވެ.

ރިޕޯޓްތަކުގައިވާ ގޮތުން ކެތުރީނާއާއި ވިކީގެ ކައިވެނި ހަފުލާއަށް މި ދެ ފަންނާނުންނާއި އެމީހުންގެ އާއިލާގެ އިތުރުން ބޮލީވުޑު އިންޑަސްޓްރީގެ ވެސް ބައެއް ފަރާތްތަކުން މިހާރު ވަނީ ރާޖަސްތާނަށް ގޮސްފައެވެ.

ކެތުރީނާއާއި ވިކީގެ ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ ރާޖަސްތާނުގެ ބާވްރާގެ ސިކްސް ސެންސަސް ފޯޓްގައެވެ.

މި ކައިވެނީގެ ހަފުލާގައި ބައިވެރިވުމަށް ކެތުރީނާގެ ގާތް އެކުވެރިއެއް ކަމުގައިވާ ސަލްމާން ޚާންގެ ކޮއްކޮ އަރްޕިތާ ޚާންއާއި އެ އާއިލާއަށް ދައުވަތު ލިބިފައި ނެތް ކަމަށް ބުނި ނަމަވެސް ރިޕޯޓްތަކުގައިވާ ގޮތުން މި ހަފުލާގައި ބައިވެރިވުމަށް އަރްޕިތާއާއި އާއިލާއިން ދަތުރު ފަށައިފިއެވެ.

އެންމެންގެ ހިތުގައި ވެސް އުފެދޭ އެއް ސުވާލަކީ މި ހަފުލާގައި ސަލްމާން ޚާން ބައިވެރިވާނެތޯ ނުވަތަ ނޫންތޯއެވެ.