ސަނީ ލިއޯންއަކީ ބިގްބޮސް 5 އަށް ފަހު ބޮލީވުޑުގައި ހަރަކާތްތެރިވަމުން އަންނަ ފަންނާނެކެވެ. މިހާރު ބޮލީވުޑުގައި ނަން ފާހަގަ ކޮށްލެވުނު ނަމަވެސް އެކްޓިންގެ ފުރަތަމަ ދުވަސްކޮޅު ދަތިތަކާއި ކުރިމަތިލާން ޖެހުނު ކަމަށް ސަނީ ބުނެފައިވެއެވެ.

ބިގް ބޮސް 5 އަށް އައުމުގެ ކުރިން ބަރަހަނާ ފިލުމު ކުޅުމުގައި އުޅުމުގެ ސަބަބުން، ފުރަތަމަ ދުވަސްކޮޅު ނޫސްވެރިން އޭނާއާއި ވަކިން އިންޓަވިއު ކުރަން ބޭނުން ނުވާ ކަމަށް ސަނީ ބުންޏެވެ.

''އެންމެ ކުރިން، އަބަދުވެސް މީހުން އައިސް ބުނާނެ، މިވެނި މީހަކު އަހަރެންނާ އިންޓަވިއު ކުރާކަށް ބޭނުމެއް ނުވިއޭ. ނަމަވެސް މިވެނި މީޙަކު ބުނީމަ އިންޓަވިއު ކުރަން އެއްބަސްވީއޭ. މިއީ ކަންއޮތްގޮތް ނަމަވެސް ދިމާއަށް ބުނެގެން ނުވާނެ އެއްޗެހި. އަހަރެންނާއި އިންޓަވިއު ނުކުރަންވީ ކީއްވެ. އަހަރެން މިއީ އެހެން ވައްތަރެއްގެ އެއްޗެއްތަ؟'' އިންޓަވިއުއެއްގައި ސަނީ ބުނެފައިވެއެވެ.

ސަނީ ލިއޯން އެންމެ ފުރަތަމަ ކުޅެފައިވާ ބޮލީވުޑު ފިލުމަކީ 2012 ވަނަ އަހަރު ނިކުތް ފިލުމު ''ޖިސްމު 2'' އެވެ. އޭގެފަހުން ސަނީ ވަނީ ''ރާގިނީ އެމްއެމްއެސް 2''، ''އެކް ޕަހޭލީ ލީލާ''، ''މަސްތީ ޒާދޭ''، އަދި ''ވަން ނައިޓް ސްޓޭންޑް'' ފަދަ ފިލުމުތައް ހިމެނެއެވެ.

މީގެއިތުރުން ސަނީ ވަނީ އޭނާގެ ހަޔާތުގެ މައްޗަށް ތައްޔާރު ކޮށްފައިވާ ވެބް ސީރީޒެއްގައި ވެސް މަސައްކަތް ކޮށްފައެވެ. ''ކަރަންޖީތު ކޯރު: ދި އަންޓޯލްޑް ސްޓޯރީ'' ދައްކާފައިވަނީ ޒީ5 އިންނެވެ.

މީގެއިތުރުން ސަނީ ވަނީ ބޮލީވުޑުގެ ބައެއް ފިލުމު ތަކުގައި ހާއްސަ ލަވަތަކުން ވެސް ފެނިފައެވެ.