"ޓައިގަރ ޒިންދާ ހޭ" އިޝްތިހާރުކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން ސަލްމާން ޚާން ޖެހި ޖޯކަކަށް، ކެޓްރީނާ ކައިފް ހުނުމުން، އޭނާއާ ދެކޮޅަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ޕެޓިޝަން ރެޖިސްޓަރ ކޮށްފައިވަނީ ދިއްލީގެ ކޯޓުގައެވެ. އަދި، މައްސަލައިގެ އެފްއައިއާރެއްވެސް މިހާރުވަނީ ހުށަހަޅާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަލްމާން ޖެހި ޖޯކަކީ، އެޤައުމުގެ ކޮންމެވެސް ދަރިކޮޅަކަށް ނިސްބަތްވި ޖޯކެކެވެ. އަދި، މި މައްސަލަ ހުށަހަޅާފައިވާ ފަރާތްތަކަކީ އެދަރިކޮޅުގެ މީހުންކަމަށްވެސް މައުލޫމާތު ލިބެއެވެ.

މައްސަލަ ހުށަހެޅި ފަރާތްތަކުން ބުނެފައިވާ ގޮތުގައި، ކެޓްރީނާއާ ދެކޮޅަށް މައްސަލަ ހުށަހަޅަން ޖެހުނު ސަބަބަކީ، ސަލްމާން ޖެހި ޖޯކަށް ދެކޮޅު ހަދާ، އެއާ ދެކޮޅަށް އަޑުއުފުލުމުގެ ބަދަލުގައި، އެއަށް ހުނުމެވެ.

ބޮލީވުޑުގެ ތަރިންނާއި ފިލްމުތަކާ ދެކޮޅަށް މިފަދަ ޕެޓިޝަންތައް ހެދުމަކީ އާއްމު ކަމެކެވެ.