އިންޑިޔާގެ ފިލުމު އިންޑަސްޓްރީގައި އެތައް ބައެއްގެ މަގުބޫލުކަން ހޯދި ބަތަލާ ސްރީދޭވީ މަރުވެފައިވަނީ 2018 ވަނަ އަހަރުއެވެ. ނަމަވެސް އޭނާގް ފިލުމުތަކާއި ލަވަތަކުން އޭނާގެ ސަޕޯޓަރުން ދަނީ އެ ހަނދާންތައް އައުކުރަމުންނެވެ.

ދާދި ފަހުން މީސް މީޑިޔާގެ ލޯތައް އަމާޒުވެފައިވަނީ ސްރީދޭވީއާއި ވައްތަރު އަންހެނަކަށެވެ. ދިޕާލީ ޗައުދަރީ ނަމަކަށް ކިޔާ މި އަންހެން މީހާ އިންސްޓަގުރާމުގައި ސްރީދޭވީގެ ޑައިލޮގުތައް ކިޔާފައިވާ ވީޑިއޯތައް ދަނީ ހިއްސާ ކުރަމުންނެވެ.

33.4 ހާސް މީހުން ފޮލޯކުރާ މި އެކައުންޓުގައި ގިނައީ ސްރީދޭވީއަށް ހާއްސަކޮށްގެން އޭނާގެ ޑައިލޮގުތަކާއި ލަވަތަކަށް އެކްޓް ކޮށްފައިވާ ވީޑިއޯތަކެވެ.


ސްރީދޭވީގެ ސަޕޯޓަރުންގެ ސަމާލުކަން ވަނީ ދިޕާލީއަށް ލިބިފައެވެ. އަދި ސްރީދޭވީއާއި އޭނާ ވައްތަރު ކަމަށް ގިނަަބަޔަކު ބުނަމުންދާއިރު، އޭނާގެ މަސައްކަތަށް ސާބަސް ދީފައިވެއެވެ.

ދިޕާލީގެ އެކްޓިން ރަނގަޅު ކަމަށްވެސް އެއްބަޔަކު ބުނެފައި ވެއެވެ. އަދި ދިޕާލީގެ ވީޑިއޯތައް ބަލާއިރު ހީވަނީ ސްރީދޭވީގެ ފިލުމެއް ބެލޭހެން ކަމަށް ވެސް ބައެއް ސަޕޯޓަރުން ކޮމެންޓް ކޮށްފައިވެއެވެ.

ސްރީދޭވީ މަރުވިއިރު އުޅުނީ ބޮލީވުޑުގެ ފިލުމު ޕްރޮޑިއުސަރ ބޯނޭ ކަޕޫރު އާއި ކައިވެނިކޮށްގެންނެވެ. އެ ކައިވެންޏަށް ދެ ކުދިން ލިބިފައި ވެއެވެ. ބަތަލާ ޖާންވީ ކަޕޫރާއި ޚުޝީ ކަޕޫރެވެ. ސްރީދޭވީ މަރުވުމަށް ފަހު ބޯނޭ ކަޕޫރު ދަނީ އޭނާގެ ހަނދާންތައް އައު ކުރަމުންނެވެ.

ދާދި ފަހުން އިންސްޓަގުރާމު އެކައުންޓެއް ހުޅުވާފައިވާ ބޯނޭ ކަޕޫރު ދަނީ ސްރީދޭވީގެ ކުރީގެ ފޮޓޯތައް ހިއްސާ ކުރަމުންނެވެ.

ސްރީދޭވީއަކީ ފިލުމު އިންޑަސްޓްރީގައި ބެލުންތެރިންނަށް ކަމުދާ މަސައްކަތްތަކެއް ކޮށްފައިވާ ފަންނާނެކެވެ. ސްރީދޭވީގެ ބައެއް ފިލުމު ތަކަކީ ''އިންގްލިޝް ވިންގްލިޝް''، ''މޮމް''، ''މިސްޓަރ އިންޑިއާ''، ''ނާގީން''، ''ޖުދާއީ''، ''ލާޑްލާ''، ''ޗާލްބާޒް''، ''ގުމްރާހް'' ފަދަ ފިލުމުތައް ހިމެނެއެވެ.