މިހާރު އިންޑިއާގެ ފިލްލް އިންޑަސްޓްރީގައި ފިޔަޖަހަމުން އަންނަ ތަރި ސަނީ ލިއޯން އެންމެ ފަހު ނެރުނު ލަވައާއި ގުޅިގެން އޭނާ ހައްޔަރު ކުރުމަށް ގޮވާލާ އަޑު މީސް މީޑިއާގައި ގަދަވެއްޖެއެެ.

''މަދޫބޭން'' ލަވަ ނެރުމާ އެކު މީސް މީޑިޔާގައި ސަނީއާއި ލަވައިގެ ޑައިރެކްޓަރަށް މީހުންގެ ނުރުހުމުގެ ބަސްތައް ދަނީ ލިބެމުންނެވެ.

މި ލަވައިން ދީނަށް ފުރައްސާރަ ކުރުމުގެ ތުހުމަތުގައި ސަނީ ލިއޯން ހައްޔަރު ކުރުމަށް ގޮވާލަން ފަށާފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އަދި ލަވައިގެ ޓީމުން ރައްޔިތުންގެ ކިބައިން މަޢާފަށް އެދެން ޖެހޭނެ ކަމަށް ވެސް ވަނީ ގޮވާލާފައެވެ.

ރުޅި ގަދަވެފައިވާ ބައެއް މީހުންގެ ޓުވީޓުތަކުގައި ސެންސަރު ބޯޑުން އެފަދަ ލަވަތަކަށް ހުއްދަ ދޭތީ އެކަމާ ވެސް ނުރުހުން ފާޅުކޮށްފައި ވެއެވެ.

ބައެއް ފަރާތްތަކުން ހަމައެކަނި ސަނީ ލިއޯން ހައްޔަރު ކުރުމަށް ގޮވާލާފައިވީ ނަމަވެސް ބައެއް ފަރާތްތަކުން ބުނެފައިވަނީ ހައްޔަރު ކުރަން ޖެހޭނީ ހަމައެކަނި ސަނީ ނޫން ކަމަށާއި ލަވައިގެ މުޅި ޓީމު ވެސް ހައްޔަރު ކުރަން ޖެހޭނެ ކަމަށް ބުނާ މީހުން މަދެއް ނޫނެވެ.

މި ލަވައާއި ގުޅިގެން މިދިޔަ އާދީއްތަ ދުވަހު މިނިސްޓަރ ނަރޯޓަމް މިޝްރާ ވެސް ވަނީ ހިތްހަމަ ނުޖެހުން ފާޅު ކުރައްވާފައެވެ. އަދި ތިން ދުވަހުގެ ތެރޭގައި ލަވަ ނުނަގައިފިނަމަ ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށާއި މަޢާފަށް އެދެން ޖެހޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

މިކަމާއި ގުޅިގެން ލަވައިގެ ޓީމުން ބުނެފައިވަނީ ލަވައިގެ ޅެމާއި ލަވައިގެ ނަން ބަދަލު ކުރާނެ ކަމަށެވެ. އަދި ތިން ދުވަސް ތެރޭ ލަވަ ބަދަލު ކޮށްފައި އައު ލަވައެއް ނެރޭނެ ކަމަށެވެ.