މި އޮތީ މީލާދީ އާ އަހަރެއްގެ މުނާސަބަތު އައިސްފައެވެ. ގިނަ ބަޔަކު ލިބުނު ޗުއްޓީގައި އާއިލާއާއި އެކު ވަގުތު ހޭދަ އެބަ ކުރެއެވެ. މި އުފާވެރި ހަނދާންތައް ރައްކާ ކުރުމުގެ ގޮތުން މީސް މީޑިއާއަށް އެ މަންޒަރުތައް އަޕްލޯޑް ނުކުރާ މީހަކު މަދެވެ.

ޅ. އަތޮޅު ކުރެންދޫއަށް އުފަން ފޮޓޯ ނެގުމުގެ ޝައުގު ހުންނަ އިބްރާހީމް ރައްޔާން މުހައްމަދު، އާ އަހަރާއި ދިމާކޮށް ފޭސްބުކަށް އަޕްލޯޑް ކުރި އޭނާގެ އާއިލާގެ ފޮޓޯއަކަށް ގިނަ ބައެއްގެ ސަމާލު ކަން ވަނީ ހުއްޓިފައެވެ. މި ފޮޓޯގައި ފެންނަނީ އާއިލާ އެންމެން އިނގިރޭސި ލަފްޒުތަކުން "އޮޑި" ރަމްޒުވާ ގޮތަށެވެ.

އޮޑި އާއިލާގެ ބައެއް މެމްބަރުން ފޮޓޯ: ރައްޔާން

ކުރެންދޫއަށް ގޮސް އޮޑި އާއިލާއަކީ ކޮބައިތޯ އެހުމުން އެ އާއިލާ ނޭނގޭ ބަޔަކު މަދުވާނެއެވެ. މި އާއިލާއިން އޮޑި ހެދުމުގެ މަސައްކަތް ކުރަމުން އަންނަތާ އެތައް ޒަމާނެކެވެ. މި އާއިލާއަށް "އޮޑި އާއިލާ" ކިއުނީ އެހެންވެއެވެ. އޮޑިއާއި އެކު، މާލެއާއި ހުޅުމާލެއާއި ރަށާއި ދެމެދު ދަތުރުކޮށް ހަދާފައިވެއެވެ.

ކުރެންދޫއަށް ނިސްބަތްވާ ބޮޑު މި އާއިލާގެ އެންމެނާ އެކު ފޮޓޯއެއް ނެގުމަކީ، ފޮޓޯ ނެގުމުގެ ޝައުގުގައި ހުރި ރައްޔާންގެ ހުވަފެނެއް ކަމުގައި އޭނާ "ވަގުތު" އަށް ބުންޏެވެ.

ކުރެންދޫގައި ނަން މަޝްހޫރު އޮޑިހަދާބެއަށް ކާފަ ކިޔާ ރައްޔާން ބުނެދިން ގޮތުން ނަމަ، މި ފަހަރު ވެސް އެ ކަންވާ ގޮތެއް ނުވިއެވެ. އެކަމަކު އާއިލާގެ 30 އަށް ވުރެ ގިނަ މެންބަރުން ހަމަ ވުމުން އޭނާ ބޭނުންވީ އެ ކަން ކުރުމަށެވެ.

"އެންމެން އެކީ ހަމަކޮށްލުން އެއީ ހުވަފެނެއް، އެކީ ތިބެގެން މީގެ ފޮޓޮއެއް ނެގުން، އެކަމަކު އާއިލާ ބޮޑު ވުމުން އެންމެން އެއްވާ ގޮތެއް ނުވޭ، މި ފަހަރު ވެސް ނުވި، އެކަމަކު ދެން ލަސް ކުރާން ވެސް ބޭނުންވީ،" ރައްޔާން ކިޔައިދިނެވެ.

ރައްޔާންގެ ކެމެރާއިން މި ފަހަރު މި ނެގީ، ވަރަށް ވިސްނާފައި އުފެއްދުންތެރި ފޮޓޯއެކެވެ. މި ފޮޓޯއަށް ފަހު ވެސް މުޅި "އޮޑި އާއިލާ" އެކު ތިބެގެން މީގެ ފޮޓޯއެއް ނެގޭނެ ކަމުގެ އުއްމީދު އަދިވެސް އޭނާ ދުލެއް ނުކޮށްލައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަމާސާ

    ގަދަކަމުން ބަޔަކު ހައިރާން ކުރުވަން ވަގުތު މީހުނން އުޅޭހެން ހީވަނީ

    17
    4
  2. މަންމަ

    އާނ، ތިސޮރަކު ހުރި އަމިއްލަ އަށްވެސް ވަރަށްސަޅި ފޮޓޯނަގާފަ ލޮކްޑައުން ތެރޭގަ. ދޮންނަ މެށިނެއްވެސް ފެނޭ ބެކްގުރައުންޑުން. ލޮލް

    6
    2
  3. ގައުމު

    އާއިލާ މެންބަރުން ފޮޓޯ ނެގުމަކީ ކޮންމެ އާއިލާއަކުންވެސް ކުރާ އަދި ބޭނުންވެސް ވާނެ ކަމެއް. އެހެންކަމުން ދިވެހިރާއްޖޭގެ ކޮންމެ އާއިލާއެއްގެވެސް އާއިލާ މެންބަރުންގެ ފޮޓޯއެއް ޝޯޝަލް މީޑިޔާގައި ހިއްސާކުރިޔަސް ވަގުތު ނޫހުގައި ޖަހާ ދެންތޯ..؟ އޭރުން ހަމަޔާއި އިންސާފަށް ލޯބިކުރާ ނޫސްވެރިކަމަކަށް ވާނީ..