ގިނަ ބަޔަކަށް ގަބޫލު ކުރެވިފައި އޮންނަ ގޮތުން ސައުދީ އަރަބިއްޔާއަކީ ވަރަށް ހޫނު ގަދަ ގައުމެކެވެ. އެ ގައުމުގެ ބައެއް ސަރަހައްދުތަކަށް ސްނޯ ފައިބާނީ ވަރަށް މަދުންނެވެ. ބައެއް އަހަރުތަކުގައި ސްނޯ ނުފައިބާ ފަހަރު ވެސް ދެއެވެ. އެކަމަކު، މި އަހަރުގެ ފުރަތަމަ ދުވަހަކީ ސައުދީ އަށް ތަފާތު ދުވަހެކެވެ.

ޖެނުއަރީ 1، 2022 އަކީ އެ ގައުމަށް ތާރީހީ ދުވަހެކެވެ.

ސައުދީގެ ސިޓީއަށް ސްނޯ ފައިބާފައި. ---

ރިޕޯޓުތައް ބުނާ ގޮތުގައި އިއްޔެ ސައުދީގެ ސިޓީއެއް ކަމަށްވާ ތަބުކް އަށް ވަރަށް ބޮޑަށް ވަނީ ސްނޯ ފައިބައިފައެވެ. އެތަނުގެ ފޮޓޯތަކާއި ވީޑިއޯތައް މިހާރު ވަނީ މީސް މީޑިއާގައި ދައުރުވާން ފަށައިފައެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ބޯކޮށް ސްނޯ ފޭބުމާ ގުޅިގެން ކާރުތަކުގެ މަތީގައި ވެސް މުޅިން ހުރީ ސްނޯއެވެ. އެ ގައުމުގެ ރައްޔިތުންނަށް މިއީ ވަރަށް ވެސް ތަފާތު ތަޖުރިބާއެކެވެ. ފިނި މޫސުމުގައި ލައި އުޅޭ ހެދުންތަކާ އެކުގައި ސައުދީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ މަގުމައްޗަށް ނުކުމެ، މަޖާ ނަގަން ފަށައިފައެވެ.

ސައުދީގެ ސިޓީއަށް ސްނޯ ފައިބާފައި. ---

ބައެއް މީހުން މުނިފޫހިފިލުވުމުގެ ގޮތުން ލަވަ ކިޔައި ހަދާ މަންޒަރު ވެސް ވީޑިއޯތަކުން ފެނެއެވެ. އަނެއް ބަޔަކު ސްނޯގައި ޖެހިލުމުގެ ބޭނުމުގައި ދަތުރު ހަދައިގެން ތަބުކް ސިޓީ އަށް ވަނީ ގޮސްފައެވެ.

ސައުދީގެ ސިވިލް ޑިފެންސުން ބުނީ ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން އާންމުންނަށް ދަތިތަކާ ކުރިމަތިވާނެތީ ހުރިހާ ރައްޔިތުން ވެސް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ހޯމަ ދުވަހުގެ ނިޔަލަށް ގުގުރުމާ އެކު، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އެ ތަނުން ބުންޏެވެ.

ސައުދީގެ ސިޓީއަށް ސްނޯ ފައިބާފައި. ---

ސައުދީ އަށް އެންމެ ފަހުން ސްނޯ ފޭބި ކަމަށް ރިކޯޑު ކުރެވިފައި ވަނީ 2016 ގެ ތެރޭގައެވެ. އެގޮތުން 85 އަހަރު ފަހުން ފުރަތަމަ ފަހަރަށް އެ އަހަރުގެ ޖެނުއަރީ މަހު މައްކާ އާއި މަދީނާ އަށް ވެސް ސްނޯ ފޭބިއެވެ. އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވެސް ސައުދީގެ ބައެއް ހިސާބުތަކަށް ސްނޯ ފޭބިއެވެ.

 

ކިޔުންތެރިންގެ ހިޔާލު