އިންޑިއާގެ ބަަތަލާ ސޫރަޖް ބަރްޖަތްޔާގެ ފިލްމެއްކަމަށްވާ މައިނޭޕިޔާރްކިޔާ ރިލީޒްކޮށްފައިވަނީ 1989 ވަނަ އަހަރުގައެވެ. އޭނާގެ މި ފިލްމު ވެގެންގޮސްފައިވަނީ އާންމުންގެ މެދުގައި އެންމެ މަގުބޫލުކަން ލިބިގެންދިޔަ ސަލްމާން ހާން ކުޅެފައިވާ ލޯބީގެ ފިލްމުތަކުގެ ތެރެއިން އެއް ފިލްމަށެވެ. މި ފިލްމުގައި ސަލްމާންހާން އާއި އެކު ބަތަލާއެއްގެ ރޯލުން ފެނިގެންގޮސްފައިވާ ބާގްޔަޝްރީގެ ރީތި ކަމާއި ޗާލޫ ކަމާއި އޭނާ ކުޅެފައިވާ މަޑުމައިތިރި ލަދުރަކި ގޮތްތަކުން އެތަކެއް ބައެއްގެ ހިތް ތަކުން އޭނާ އަށް ވަނީ ޖާގަ ލިބިގެން ގޮސްފައިވެއެވެ.

ކޮންމެ އަކަސް މިފަދަ ބޮޑު ކާމިޔާބަކާއި އެކު ވެސް އޭނާ ވަނީ ހިންދީ ފިލްމު އިންޑަސްޓްރީ ދޫކޮށްލާފައެވެ. އަދި ފިލްމު ކުޅެ ފިލްމު އުފެއްދުމުގައި އުޅޭ ވިޔަފާރި ވެރިއެއް ކަމަށްވާ ހިމަލަޔާ ދަސަނީ އާއި ކައިވެނި ކުރުމުން އޭނާއަށް ސަޕޯޓްކުރާ މީހުންނަށް ލިބިގެންދިޔައީ ކުއްލި ހައިރާން ކަމެކެވެ. އެތަކެއް އަހަރު ތަކެއް ފާއިތުވެގެން ގޮސްފައިވީ ނަމަވެސް އޭނާގެ މަތިން އަދިވެސް އެތައް ބަޔަކު ހަނދާން އެބަހުއްޓެވެ.

އޭނާއާ ގުޅޭގޮތުން އެތައް ވާހަކައެއް ދެކެވިފައިވާއިރު، އޭނާ ވަނީ ފިލްމުގެ މަންޒަރުތައް ނަގަމުންދިޔަ ތަނުގައި އޭނާގެ ފިރިމީހާއާއި ސަލްމާން ހާން އާއި އެކު ހިނގާފައިވާ މަޖާ ހާދިސާ އަކާއި ބެހޭގޮތުން އޭނާ ވަނީ ވާހަކަ ދައްކާފައެވެ.

އެ ވާހަކަ އޭނާ ދެއްކީ 2017 ވަނަ އަހަރު އީޓައިމްސްއާ ވާހަކަދައްކަމުންނެވެ. އޭނާ ވަނީ އެންމެންގެ މެދުގައި މަޝްހޫރު ކަން ލިބިގެން ގޮސްފައިވާ ފިލްމު މައިނޭޕިޔާރްކިޔާގެ މަންޒަރުތައް ނަގަމުން ދިޔައިރު ހިނގާފައިވާ ކަމެއް ހަނދާންކޮށް އެކަންތަކާއި ބެހޭގޮތުން ވާހަކަ ދައްކާފައެވެ. އޭނާ ބުނެފައިވަނީ ސަލްމާން ހާން އަށް އޭނާ އާއި ވަކި ދުރުމިނެއްގައި ހުރުމަށް އިންޒާރު ދީފައިވާނެ ކަމަށެވެ. އޭނާ މިގޮތަށް ބުނެފައިވަނީ ވާހަކަ ފަތުރަމުން ދާ މީހުންގެ ކިބައިން ސަލާމަތް ވުމަށްޓަކައި ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އޭނާ އިތުރަށް ވާހަކަ ދައްކަމުން ބުނެފައިވަނީ ފިލްމުގެ ލަވައެއް ކުޅުމުގެ ތެރޭގައި އޭނާއާ ހިމަލަޔާގެ ގުޅުމާއި ބެހޭގޮތުން އެންމެ ފުރަތަމަ އެނގޭނެ މީހަކީވެސް ސަލްމާން ކަމަށެވެ.