ހަށިގަނޑު ހުރި ގޮތުން ކެރިއަރުގެ ފުރަތަމަ ދުވަސްތަކުގައި އޭނާއަށް އެތައް ބައެއްގެ މަލާމާތާއި ފުރައްސާރަ ކުރުންތައް ލިބުނު ކަމަށް ބޮލީވުޑްގެ ބަތަލާ ކްރިތީ ސަނޫން ބުނެފިއެވެ.

އިންޑިއާގެ ނޫޙަކަށް ދިން އިންޓަވިއުއެއްގައި ކްރިތީ ބުނެފައި ވަނީ އޭނާގެ ތުންފަތް ހުރި ގޮތުންނާއި ނޭފަތް ހުރި ގޮތުން އިންޑަސްޓްރީގެ ބައެއް ފަރާތްތަކުން އޭނާއަށް މަލާމާތް ކުރި ކަމަށާއި އަދި ތުންފަތާއި ނޭފަތުގެ ޕްލާސްޓިކް ސާޖަރީ ހެދުމަށް އިރުޝާދު ދީފައިވާ ކަމަށެވެ.

ނަމަވެސް އެއިން އެއްވެސް ޕްލާސްޓިކް ސާޖަރީއެއް ނުހަދާ ކަމަށާއި އޭނާއަކީ ''ޕްލާސްޓިކް ޑޯލް'' އެއް ނޫން ކަމަށް ވެސް ކްރިތީ ބުނެފައިވެއެވެ.

މީގެއިތުރުން ކްރިތީގެ ހިނިތުންވުން ރީތި ނޫން ކަމަށާއި އުނަގަނޑުގެ ސައިޒް ކުޑަ ކުރުމަށް ވެސް ބައެއް ފަރާތްތަކުން ކްރިތީއަށް ބުނެފައިވެއެވެ.

ކްރިތީ ދެކޭގޮތުގައި ހަށިގަނޑަށް މިފަދަ ބަދަލުތައް ގެންނަން މީހުންގެ ޕްރެޝަރުތައް އަންނަނީ އިންސްޓަގުރާމުގެ ފިލްޓަތަކުގެ ސަބަބުންނެވެ. ކޮންމެ މީހަކު ވެސް އެމީހަކީ އެންމެ ''ޕާފެކްޓް'' މީހާއަށް ވާން ބޭނުންވާ ކަމަށް އޭނާ ބުނެފައިވެއެވެ.

ހުރިހާ އެންމެން ވެސް ތިމާއާ ބެހޭގޮތުން ފާޑުފާޑުގެ ވާހަކަ ދައްކާނެ ކަމަށާއި ނަމަވެސް އެ ހުރިހާ އެންމެންގެ ވާހަކަތައް އަޑު ނޭހުމަށް އަމިއްލަ ނަފުސަށް ޔަގީންކަން އޮންނަން ވާނެކަމަށް ވެސް ކްރިތީ ފާހަގަ ކޮށްފައިވެއެވެ.

ކްރިތީއަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޮލީވުޑު އިންޑަސްޓްރީގައި އޭނާގެ ނަން ވިދާލާފައިވާ ފަންނާނެކެވެ.

ކްރިތީގެ ފިލުމީ މަސައްކަތަށް ބަލާއިރު އެތައް ފިލުމެއް ކުރިއަށް އެބަ އޮތެވެ. އޭގެ ތެރޭގައި އަކްޝޭ ކުމާރާއެކު ''ބައްޗަން ޕާންޑޭ''، ވަރުން ދަވަންއާއެކު ''ބޭޅިޔާ'' ފަދަ ފިލުމުތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު