އިންޑިއާގެ ބިހާރްއަށް ނިސްބަތްވާ ޑޮކްޓަރަކު ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ފަސް ޑޯޒް ޖެހި މައްސަލައެއް ބިހާރް ސަރުކާރުން ތަހުގީގު ކުރަން ފަށައިފިއެވެ.

ޕަޓްނާ-ބޭސްޑް ސިވިލް ސާޖެންއެއް ކަމަށްވާ ޑރ. ވިރްބާ ކުމާރީ ސިންގް ނަމަކަށް ކިޔާ މި ޑޮކްޓަރު ފަސް ޑޯޒް ވެކްސިން ޖެހި ކަމަށް ދައްކާއިރު، އޭނާ ބުނާގޮތުން ނަމަ އޭނާ ޖަހާފައިވަނީ ގަވާއިދުވާ ގޮތުގެ މަތިން ތިން ޑޯޒް ވެކްސިނެވެ.

އޭނާ ބުނާގޮތުގައި، އޭނާގެ ކާޑުގެ މައުލޫމާތުތައް ބޭނުންކޮށްގެން އެހެން މީހަކު ވަނީ ވެކްސިން ޖަހާފައެވެ. އަދި އެކަން ތަހުގީގު ކުރަން ބޭނުންވާ ކަމަށް ބުންޏެވެ.

ކޯވިން ޕޯޓަލްގެ މައުލޫމާތަށް ބަލާއިރު، އޭނާ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 28 ވަނަ ދުވަހުއެވެ. އަދި އޭނާ ވެކްސިން ޑޯޒްތައް ފުރިހަމަކޮށްފައި ވަނީ މިދިޔަ އަހަރުގެ މާރިޗް މަސް ތެރޭގައެވެ.

ސަރުކާރުގެ ރެކޯޑްތަކުން ދައްކާގޮތުގައި، އޭނާ ފެބްރުއަރީ ހަ ވަނަ ދުވަހުވެސް ކާޑު މައުލޫމާތު ބޭނުންކޮށްގެން ވެކްސިން ޖަހަފައި ވެއެވެ. އަދި ހަތަރު ވަނަ ފަހަރަށް ޖޫން 17 ވަނަ ދުވަހު ވެކްސިން ޖެހި ކަމަށް ދައްކާއިރު، މި މަހުގެ 13 ވަނަ ދުުވަހުވެސް ވެކްސިން ޑޯޒެއް ޖަހާފައި ވެއެވެ.

މިހާރު އެކަން ތަހުގީގު ކުރަމުންދާއިރު، އެކަމުގައި އޭނާގެ ބައިވަރިވުމެއް އޮތްކަމުގައިވާނަމަ ހަރުކަށި ފިޔަވަޅު އޭނާއާ ދެކޮޅަށް އަޅާނެ އެވެ.

މީގެ ކުރިން މި އަހަރުގެ ކުރީކޮޅު އުމުރުން 84 އަހަރުގެ ފިރިހެނަކުވެސް ވަނީ އެކި ކާޑުތައް ބޭނުންކޮށްގެން ގިނަ އަދަދަކަށް ވެކްސިން ޑޯޒް ޖަހާފައެވެ.

ކިޔުންތެރިންގެ ހިޔާލު