ކޮންމެ ދެމަފިރިއަކު ވެސް ކައިވެނި ކުރަނީ އުމުރު ދުވަހު އެކުގައި، "އުފަލުގައި" ދިރިއުޅޭށެވެ. އުފާވެރި ދިރިއުޅުމެއް ހޯދަން ފަށާ ދަތުރުން އުފާވެރިކަން ނުލިބޭނަމަ ދެން އޮންނީ އަނެއްކާވެސް އުފާވެރި ދިރިއުޅުމެއް ހޯދަން އެހެން ދަތުރެއް ފެށުމެވެ.

ސުވާލަކީ ވަރި އާއި ހަމައަށް ދެމަފިރިން ދާން ޖެހޭނީ ކިހައި ހިސާބަކަށް ކަންތައްތައް ދިއުމުން ހެއްޔެވެ؟ ވަރި އާއި މެދު ވިސްނަން ޖެހޭނީ ދެމަފިރިން ކުރެ ކޮންމެވެސް އެކަކު ސިއްރު ލޯބިވެރިޔަކު ހޯދުމުން ހެއްޔެވެ؟ ޔަގީނުން ވެސް އެއީ ދެމަފިރިއެއްގެ ދެމެދުގައި ޖެހޭ އެންމެ ބޮޑު މައްސަަލައެވެ. ނަމަވެސް އަހަރެން މިބުނެދެނީ އެފަދަ ކަމެއް ދިމާނުވި ނަމަވެސް އެހެން ދިރިއުޅުމަކާއި މެދު ވިސްނަން ޖެހޭ ބައެއް ސަބަބުތަކެވެ.

ދެމީހުންގެ އުއްމީދުތައް އެއްގޮތް ނުވުން

ދެމީހުން ވެސް ދިރިއުޅުމުގައި ހާސިލް ކުރަން ބޭނުންވާ ކަންތައްތަކެއް ހުރެއެވެ. ނަމަވެސް ދެމީހުންނަށް އެކަންތައްތައް ހާސިލް ކުރުމުގައި ދަތުރު ކުރަންވީ ގޮތް އެއްގޮތް ނުވެއްޖެނަމަ އެއީ ގޯހެކެވެ. އެކަކު ދަރިއަކު ހޯދަން ބޭނުންވާއިރު އަނެކަކީ ދަރިއަކު ހޯދަން ބޭނުންވާ މީހަކަށް ނުވެދާނެއެވެ. އެކަކު ބޭނުން ވަނީ ކިޔަވައިގެން ވަޒީފާގެ ކުރިއެރުން ހޯދަން ކަމަށް ވާއިރު އަނެކަކީ އޭނާ ކިޔެވުމަށް އެއްބާރުލުން ދޭން ބޭނުންވާ މީހަކަށް ނުވެދާނެއެވެ. އެހެންވެއްޖެނަމަ މިދިރިއުޅުމުގައި އުމުރު ހޭދަކުރުމަށް ވުރެ ރަނގަޅީ އަވަހަށް ވަކިވުމެވެ.

އެއްވެސް ކަމެއްގައި ވާހަކަ ނުދެކެވުން

ދެމީހުން ކުރެ އެކަކަށް ވެސް އަނެކަކުގެ ހިތުގައި ހުންނަ އެއްޗެއްސެއް ނޭނގޭނެއެވެ. ނަމަވެސް ބައެއް ދެމަފިރިންނަށް ހަޔާތުގެ ވަކި ހިސާބަކުން ކަންކަމާއި މެދު މަޝްވަރާ ކުރުމުގެ މުހިންމުކަން ހަނދާން ނެތެއެވެ. ދެމީހުން ދިރިއުޅުމަކީ މަޝްވަރާ ކޮށްގެން ކުރިއަށްދާ ދިރިއުޅުމަކަށް ނުވެ ދެމީހުންގެ ދިރިއުޅުމަކީ ޕްރޮގްރާމްކޮށްފައި ހުންނަ ރޮބޮޓެއް މަސައްކަތް ކުރާ ގޮތައް ކުރިއަށްދާ ދިރިއުޅުމަކަށް ވެއްޖެނަމަ ތިދިރިއުޅުމުގައި އުފާވެރިކަމެއް ނޯންނާނެއެވެ. ކަންކަމާއި މެދު މަޝްވަރާ ނުކުރެވި ކޮންމެ މީހަކު ވެސް އެމީހަކަށް ފެންނަ ގޮތަކަށް ކަންކަން ނިންމާނަމަ ތިގޮތައް ދިރިއުޅުން ނަގާލުމަށް ވުރެ ރަނގަޅީ ވަރިވުމެވެ.

ދިރިއުޅުމަށް އަނެކާ ބޭނުމެއް ނޫން

ކުރިން ވެސް ބުނިހެން ކައިވެންޏަކީ ދެމީހުން އެކުގައި ކުރަން ފަށާ ދަތުރެކެވެ. ނަމަވެސް ދަތުރުގެ ވަކި ހިސާބަކުން ދެން އަހަރެން ކުރިއަށް ދިއުމަށް އަހަރެންގެ ބައިވެރިޔާގެ އެހީ ބޭނުން ނުވާ ކަމުގެ އިހްސާސް ކުރެވޭނަމަ ކޮންމެހެން އޭނާ އާއި އެކު އުޅުމުގެ ބޭނުމެއް ނެތެވެ. އެއިހްސާސް ތިބާ އަށް ކުރެވެނީ ތިބާ އަށް އެއްވެސް ކަމެއްގައި އޭނާގެ އެހީތެރިކަމާއި އެއްބާރުލުން ނުލިގެން ކަމަށް ވާނަމަ އަހަރެންގެ ލަފައަކީ އަވަހަށް ވަކިވާށެވެ. ނަމަވެސް އެއިހްސާސް ތިބާއަށް ކުރެވުނީ އޭނާގެ މަސައްކަތުން ތިބާ މީހަކަށް ހަދާ ނިމުނީމަ ކަމަށް ވާނަމަ ތިބާގެ ތި ނިންމުމަށް ދުނިޔެ މަލާމާތް ކުރާނެ ކަން ވެސް ހަނދާން ކުރާށެވެ.

އަދި ވިސްނާލާތި

ކޮންމެ މައްސަލައަކީ ވެސް މަޝްވަރާ ކޮށްގެން ހައްލެއް ހޯދޭނެ މައްސަލައެކެވެ. ނަމަވެސް މަޝްވަރާ ކޮށްގެން ހައްލެއް ހޯދޭނީ ވެސް ކޮންމެ މީހަކު ވެސް އަނެކާއަށްޓަކައި ކަންކަން ޤުރުބާން ކޮށްގެންނެވެ. އެއްވެސް ކަމެއް ބައިވެރިޔާއަށްޓަކައި ޤުރުބާން ކުރަން ބޭނުން ނުވެ ތިމާ ތިމާގެ ގޮތުގައި ހިފަހައްޓާ ނަމަ އެކަކަށް ވެސް އުފާވެރިކަމެއް ނުލިބޭނެއެވެ.

ދިރިއުޅުމުގައި ތިހައި ހިސާބަށް ކުރި ހުރިހާ މަސައްކަތެއް ނިންމާލުމަށް ފަހު އަލުން އާފެށުމަކުން ފެށުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުވެދާނެއެވެ. އެހެންކަމުން ވަކިވުމުގެ ކުރިން އަބަދުވެސް ދެވަނަ ވިސްނުމަކަށް ދާށެވެ.