ބޮލީވުޑުގެ އެކްޓަރ ސޯނޫ ސޫދަކީ އެކްޓިންގެ ދާއިރާއަށް ވުރެ ބޮޑަށް އޭނާ ކޮށްދީފައިވާ އިންސާނިޔަތުގެ ކަންތައްތަކުން ފާހަގަ ކޮށްލެވޭ އެކްޓަރެކެވެ.

ކޮރޯނާ ވައިރަސްގެ ހާލަތު ގޯސްވެ އިންޑިޔާ އެތައް ބަޔަކު ހާލުގައި ޖެހުނު ދަނޑިވަޅުގައި ސޯނޫ ސޫދާއި އޭނާގެ ޓީމުން ނިކުމެ ކޮށްދީފައިވާ ކަންތައްތަކުގެ ސަބަބުން އިންޑިޔާގެ ''ސްޕަރމޭން'' ކަމުގައި ބައެއް ފަރާތްތަކުން ދެކެެއެވެ.

މި ދެ އަހަރު ތެރޭގައި އޭނާއަށް ލިބިގެން ދިޔަ ލޯބީ އެކްޓިންގެ 20 އަހަރުގައި ވެސް ނުލިބޭ ކަމަށް ސޯނޫ ބުނެފިއެވެ.

''ފާއިތުވި ދެ އަހަރު އަހަރެންނަށް ކުރެވުނު ކަންތައްތަކަކީ ވަރަށް މުހިންމު ކަންތައްތަކެއް. އަދި އެއީ އެކްޓަރެއްގެ ގޮތުގައި 20 އަހަރު ދުވަހު އުޅެ ވެސް ނުކުރެވުނު ކަންތައްތަކެއް. ޕެންޑެމިކް ތެރޭގައި އެތައް ފުރާނައެއް ސަލާމަތް ކޮށްދިނުމަށް ކުރެވުނު މަސައްކަތަށް ވަރަށް ހިތްހަމަ ޖެހޭ. އޮފް ސްކްރީންގައި ކުރެވޭ މިފަދަ ކަންތައްތަކުން އޮން ސްކްރީންގައި ކުރެވޭ އެކްޝަންއަށް ވުރެ ހިތްހަމަ ޖެހޭ. ކެމެރާގެ ކުރިމަތީގައި 8 ގަޑިއިރު ވަންދެން ޝޫޓް ކުރުމަށް ވުރެ ކެމެރާއެއް ނެތި 365 ދުވަހު 7*24 ރައްޔިތުންނަށް ހިދުމަތް ކުރުން މާ ބޮޑަށް ވެސް ހާއްސަ'' ސޯނު ބުނެފައިވެއެވެ.

ފާއިތުވި ދެ އަހަރު ތެރޭގައި ސޯނޫ ދައްކުވައިދީފައިވާ އިންސާނިޔަތު ކަމުގެ ނަތީޖާއެއްގެ ގޮތުން އޭނާގެ ކެރިއަރަށް ވެސް އެކަމުގެ އެދެވޭ އަސަރު ކޮށްފައިވެއެވެ.

ސޯނޫގެ ފިލުމުތައް ބަލަން ބޭނުންވާ މީހުންގެ އަދަދު ގިނަވެ، ސޯނޫއާއި އެކު ފިލުމުތަކުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތައް ވެސް ދަނީ އިތުރު ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު